16 ފެބުރުއަރީ 2023 - 10:30

އަވިން އުފައްދާ ހަކަތަ ބޭނުންކޮށްގެން، ސާފު ބޯފެން އުފައްދާ ނިޒާމެއް ކ. ގުޅިފަޅުގައި ހަދަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

އެއީ އެމްޑަބްލިއުއެސްސީ އާއި ރިނިއުބަލް އެނާޖީ މޯލްޑިވްސް އަދި ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަން ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ތިން ކުންފުނިން ވެސް އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރި އެވެ.
އެމްޑަބްލިއުއެސްސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އިބްރާހިމް ނާޝިދު އެވެ. އަދި ހިޓާޗީ ޒޯސެން ކޯޕަރޭޝަނުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މިޔާގީ ޓައިޔޯ އެވެ.
އެ އެއްބަސްވުމުގެ ދަށުން ގުޅިފަޅުގައި:
• ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ބަހައްޓާނެ.
• 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބަހައްޓާނެ.
• 1،450 ކިލޯވޯޓް ޕާ އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލްކުރާނެ.
އެމްޑަބްލިއުއެސްސީން ބުނީ އަވިން އުފައްދާ ހަކަތަ ބޭނުންކޮށްގެން، ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ މި ނިޒާމަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރުމެންޓް ސެންޓަރު ފައުންޑޭޝަން އާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސް އިން ފަންޑުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
އެ ޕްރޮޖެކްޓަށް ހަރަދުކުރާ ވަރެއް އެމްޑަބްލިއުއެސްސީން ނުބުނެ އެވެ.
އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި، ޕްރޮޖެކްޓުގެ އަމާޒަކީ އެ ކުންފުނިން ދެމުން އަންނަ ޔުޓިލިޓީގެ ހިދުމަތްތައް ދިނުމުގަ އާއި އޮޕަރޭޝަންތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ވަރު އިތުރުކުރުމާއި ތެލަށް ބަރޯސާވާ ވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ތައާރަފުކުރުމެވެ.