ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް
ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް

އެސްފިޔަ ޖަހާލާހާ ހިނދުކޮޅަކުން ހާލަތު ބަދަލުވެ، ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނީ އެވެ. އަތްފައިގައި ބާރު ނެތަސް ދިރިއުޅުމައިގެން ކުރިއަށް ދަނީ އެވެ. މިންވަރުފުޅަށް ރުހި އުންމީދާ އެކު އެ އިންނަނީ ހިނިތުންވެފަ އެވެ.

ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް
ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް

މިއީ ރ. އުނގޫފާރު، އެސްފިޔަގޭ މުހައްމަދު އާސިފެވެ. އުނަގަނޑުން ތިރި އެއްކޮށް ވާގިނެތި، ފުރޮޅުލީ ގޮނޑިއެއްގައި އޭނާ އިންނަތާ މިއީ 14 ވަނަ އަހަރެވެ؛ އުމުރުން 48 އަހަރެވެ.

ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް
ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް

އެސްފިޔަގޭގެ ދޮރުމައްޗަށް އަހަރެމެން މަޑުކޮށްލިއިރު، ހަވީރު ފިންޏަށް ބުރެއް ޖަހާލަން ދާން އާސިފް ނުކުންނަނީ އެވެ. ފުރޮޅުލީ އިލެކްޓްރިކް ގޮނޑިއަށް ލައި، އޭނާއަށް އެހީތެރިވުމަށް ކައިރީގައި އެއްބަނޑު މީހަކު ހުއްޓެވެ. އެ ގޮނޑިއަށް ލުމުން އޭނާ "މިނިވަންވީ" އެވެ. ދެން އޭނާ ދާން ބޭނުންވާ ކޮންމެ ތާކަށް ވެސް ދާންވީ އެވެ.

ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް
ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް

"މިއީ ވަރަށް ފަސޭހަ އެއްޗެއް،" އެ ގޮނޑީގެ ވާހަކަ އަހަރެމެންނަށް ކިޔައިދެމުން އާސިފް ބުންޏެވެ.

ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް
ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް

އެ ގެއިން ނުކުމެ، އާސިފް އަހަރެމެންނާ އެކު ދިޔައީ މި ރަށުގެ ޒުވާނުންގެ އަމިއްލަ ޖަމިއްޔާ "ކްލަބް ޔޫތު ސްޓާ"ގެ އޮފީސް އިމާރާތް ދޮށަށެވެ. އެއީ އޭނާއަށް ވަރަށް ހާއްސަ ތަނެކެވެ. ރަށުގެ އިޖުތިމާއީ ކަންކަމަށް އަގުހުރި ކަންކަން ކޮށްދޭ ޖަމިއްޔާއެކެވެ. އޭނާގެ ހަޔާތުގެ ވާހަކަތައް އަހަރެމެންނަށް ކިޔައިދޭން ބޭނުންވީ އެތަނުގައި ހުރެ އެވެ.

ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް
ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް

އެހެންވެ، އޭނާ މި އިންޓަވިއު ދިނީ އެތަނުގެ ކުރިމަތީގައި އިނދެގެންނެވެ.

ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް
ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް

އެއީ ނޮވެމްބަރު 29، 2009 އެވެ. އެ އަހަރުގެ ބޮޑު އީދުގެ ތިންވަނަ ދުވަހެވެ.

ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް
ފުރޮޅުލީ ގޮނޑީގައި 14 އަހަރު؛ ހިނިތުންވުމާ އެކު ކުރިއަށް

އާސިފް ހުރީ އޮފީސް ސްޓާފުންގެ ޕިކްނިކް ދަތުރެއްގައި، ރ. މުރަވަންދޫގަ އެވެ. މިހާރު ޖޯލި މޯލްޑިވްސް ރިސޯޓް ހިންގާ އެ ރަށަކީ ކުރިން އެ އަތޮޅު މީހުން ދަތުރު ގޮސް އުޅުނު ފަޅުރަށެކެވެ. އާސިފް އޭރު މަސައްކަތްކުރަނީ އުނގޫފާރު ހޮސްޕިޓަލުގެ އެމްބިއުލާންސްގެ އެހީތެރިއަކަށެވެ.

"ފުޓްބޯޅަ ކުޅޭއިރު ވެސް ކުރާ ކަމެއް އެއީ، އެކޮޅުކޮޅުން ޖަހައި، އިދިފުށަށް ތެދުވެ ހެދުން. އެކަހަލަ ގަނޑެއް ގަނެވުނީ މޫދު ކައިރީގައި،" އާސިފް ކިޔައިދިނެވެ.

އެކޮޅުކޮޅުން ޖެހުނީ އޭނާ އެކަންޏެއް ނޫނެވެ. އޭނާގެ ދިރިއުޅުން ވެސް މެ އެވެ.

"އެހެން އުޅެނިކޮށް ދެ އަތް ޖައްސާފައި، އެކޮޅު ކޮޅުން ޖަހަން ދިޔަ ބޮނޑީގައި، އަޅުގަނޑަށް އެއް އަތް ޖެއްސިފައި އަނެއް އަތުން، ނޭފަތުގައި ހިފުނީ. ދެން އެހެންވެ، ބޯ ގޮސް ޖެހުނީ ބިން މަތީގައި. ޖެހިފައި ކަނދުރާގެ ތިންވަނަ ބަދަ އާއި ހަތަރު ވަނަ ބަދައާ ދޭތެރެ ފަރަގުވީ. ނުއެއް ނައްޓާލައި، ފަރަގުވީ.

ފަރަގުވެގެން މި ހިސާބުން [އުނގަނޑުން] ތިރި އެއްކޮށް ޕެރެލައިޒްވީ."

ވަގުތުން އޭނާ މާލެ ގެނެސް، މާލޭގައި އޮޕަރޭޝަން ކުރެވެން ނެތުމުން ދާން ޖެހުނީ އިންޑިއާއަށެވެ. އެކަމަކު އެއީ ސްކޫލް ބަންދު ދުވަސްވަރަށް ވުމުން ޓްރިވެންޑްރަމަށް ދަތުރުތައް ފުލްވެ، ޓިކެޓް ހޯދަން އުނދަގޫވި އެވެ. އޭނާއާ އެކު ޑޮކްޓަރަކާއި ނަރުހަކާއި އެހީތެރިއަކު ވެސް ދާން ޖެހޭތީ ގިނަ ޓިކެޓް ބޭނުންވި އެވެ. އެންމެފަހުން ޓިކެޓް ހޯދީ އޭރު ރިޒަވޭޝަން ހައްދާފައި ތިބި ބައެއް މީހުންނަށް އޭނާގެ ހާލަތު އަންގައިގެންނެވެ.

"އޭރު އަޅުގަނޑު ތުއްތުބެ، އަޅުގަނޑާ ދެބެންގެދެދަރި، [އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު] ޑރ. އަފްރާޝިމް އަލީ ހުންނެވީ މެމްބަރަކަށް. އެހެންވީމަ ފައިސާގެ ގޮތުން ދައްޗެއް ނުވި. ތުއްތުބެ ވަގުތުން އެކަން ހަމަޖައްސައިދެއްވި،" އޭނާ ބުންޏެވެ.

އޮކްޓޫބަރު 2، 2012 ގައި އަނިޔާވެރި ގޮތަކަށް އަވަހަރާކޮށްލި އަފްރާޝީމްގެ ހަނދާންތައް އާކުރަމުން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އިންޑިއާއަށް ގޮސްފައި ކަނދުރާ އެޅުވީ. އެ ހުރިހާ ގަޑިއެއްގައި އަޅުގަނޑު ބާއްވާފައި އޮތީ، ކޯމާގައި. އެހެންވުމުގެ ސަބަބުންނޯ ބޮޑުވަރުފެއި މި ހުރީ."

އެ ދުވަހުން ފެށިގެން ފާއިތުވި 13 އަހަރު އޭނާ އިނީ ގޮނޑީގަ އެވެ. އަމިއްލަ ހަށިގަނޑަށް، އަމިއްލަ ބާރެއް ނުހިނގަ އެވެ. މިކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ޑޮކްޓަރުން ބުންޏެވެ. ލިބުނީ ކަސްރަތުކޮށްގެން ލިބުނު ކުރިއެރުމެކެވެ.

މި ހާލު ޖެހުނު އިރު އާސިފްގެ އަންބަކާއި ހަތަރު ކުދިން ތިއްބެވެ. އަންހެނުން އޭރު އިނީ ފަސްވަނަ ދަރިފުޅަށް ބަލިވެ އެވެ. އޭރު އެ ކުދިން ވެސް ވަރަށް ކުޑަ އެވެ. އެ ހާލަތުގައި އޭނާއަށް މަސައްކަތެއް ނުކުރެވޭތީ އާއިލާގެ ހަރަދުތައް ހަމަޖައްސަން އާމްދަނީ ހޯދޭނެ ގޮތެއް ނެތެވެ. ބޭހަށް ވެސް ގިނަ ހަރަދުތަކެއް ހިނގި އެވެ. އެކަމަކު އާއިލާ އާއި ރައްޓެހިން އަދި ރަށު ރައްޔިތުން ބެހެއްޓި އޯގާތެރިކަމުގެ ސަބަބުން އެ އާއިލާއަށް ހަމަޖެހިލައިގެން އުޅެވުނެވެ.

"ބޭހަށް އިންޑިއާށް ދެފަހަރު ދާންޖެހުމުން މާލީ ގޮތުން ވަރަށް ބޮޑަށް ދަތިވި. ނަމަވެސް، ހުރިހާ ކަމެއް ފޫބެއްދުނީ އެކި މީހުންގެ ފަރާތުން ލިބުން އެހީތެރިކަމުގެ ސަބަބުން،" އޭނާ ބުންޏެވެ.

"ދަރިން ބޮޑެތިވެ އަމިއްލަ ފައިމައްޗަށް ތެދުވަންދެން އުޅެވުނީ އެހެން މީހުންގެ އެހީތެރިކަމާ އެކުގައި."

އުނގޫފާރުގެ މަގުތަކުގައި އަޑިގުޑަންތައް ގިނަވުމާއި އަބަދު ފެން ހެދިފައި އޮތުމާއި ކިސަޑު ހެދިފައި އޮތުމުން މަގުމަތީގައި އުޅެން އާސިފަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އޭރު އޭނާ އިންނަނީ ވެސް އަތުން ދުއްވާ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އެހެންވެ ތަކުލީފު އިތުރަށް ބޮޑުވި އެވެ.

އެކަމަކު ބޭންކް އޮފް މޯލްޑިވްސް އިން އޭނާއަށް އިލެކްޓްރިކް ގޮނޑިއެއް ހަދިޔާކުރުމުން އެ ތަކުލީފަށް ލުޔެއް ލިބުނެވެ. އެކަމަކު ބޮޑަށް ފަސޭހަވީ މި ރަށުގެ މަގުތަކުގައި ތާރު އެޅުމުން ކަމަށް އޭނާ ބުނެ އެވެ.

"މި ގޮނޑި ލިބުނީމާ އަމިއްލައަށް ގޮތްގޮތް ހަދާލައިގެން، އެބަ އުޅެވޭ. ކުރިން އެ ކުރި މަސައްކަތް އެހެން މީހުން ލައްވައި ކުރާކަށް ނުޖެހޭ. އެހެންވިޔަސް އޭރު މި ދިމާވި ކަމަކީ އުނގޫފާރު މަގުތަކުގެ ހާލަތު،" އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ދަރިން ވެސް އޭރު ވަރަށް ކުދި. 12-13 އަހަރުގައި އުޅުނީ. އެހެންވެ، އެ ކުދިންނަށް ވެސް ވަރަށް އުނދަގޫ ކަމަކަށް ވަނީ އަޅުގަނޑު ގޮވައިގެން ބޭރަށް ނުކުތުން، އެއީ ކުރިއަކަށް ނުދެވޭ ... މީހުންނަށް ފެނިއްޖެއްޔާ މީހުންގެ ހިތަށް ހަމަ އަސަރުކުރާނެ ކަހަލަ ގޮތަކަށް އުޅުނީ."

އާސިފް ބުނި ގޮތުގައި، ތާރު ނާޅާއިރު، ފަސް އޮންނަ މަގެއްގައި އޭނާގެ ގޮނޑި ދުއްވައިފިއްޔާ ދެ ދުވަހުން ޗާޖުކުރަން ޖެހެ އެވެ. އެކަމަކު މިހާރު ތާރު މަގުތަކުގައި ދުއްވާތީ މުޅި ހަފުތާ ޗާޖު ހިފަހައްޓަ އެވެ.

ޒުވާން އުމުރުގައި އާސިފް ތަފާތު އެކި މަސައްކަތްކޮށް އުޅުނެވެ. އޭނާގެ އުމުރުން އެންމެ 14 އަހަރުގައި އާމްދަނީ ހޯދަން މަސައްކަތް ފެށި އެވެ. ރަށުގައި އެކި މަސައްކަތުގައި އުޅުމަށް ފަހު، ވަޒީފާއަކަށް އޭނާ އެންމެ ފުރަތަމަ ދިޔައީ ޅ. ފެލިވަރަށެވެ. ފެލިވަރު މަސް ފެކްޓަރީގައި 12 އަހަރު އޭނާ މަސައްކަތް ކުރި އެވެ.

ފަހުން ރަށަށް ބަދަލުވެ އުޅުނީ އިންޖީނުގޭގަ އެވެ. އެތަނުގައި ހަތަރު އަހަރު އުޅުމަށް ފަހު ރަށު ހޮސްޕިޓަލުގެ ވޮޗަރެއްގެ ވަޒީފާ އަދާކުރި އެވެ. އަދި ފަހުން ބަދަލުވީ އެމްބިއުލެންސްގެ އެހީތެރިއަކަށެވެ.

އޭނާ ކުރަން ނުދަންނަ މަސައްކަތެއް ނެތެވެ. އިލެކްޓްރިކް މަސައްކަތްތަކާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ވެސް ކުރި އެވެ. މިހާރު ވެސް ގޮނޑީގައި އިނދެގެން ކުރެވޭ ވަރުގެ މަސައްކަތެއް ވިއްޔާ އޭނާ ކުރެ އެވެ.

"ކޮންމެ ދުވަހަކު 16-18 ގަޑިއިރު އޮންނަން ޖެހެނީ އެނދުގައި، ބެޑް ރެސްޓުގައި،" އޭނާ ބުންޏެވެ.

"އަނެއް 8-10 ގަޑިއިރު އަޅުގަނޑު ބޭރުގައި ހޭދަކުރަނީ، ބޭރު ފެންޑާގައި އަޅުގަނޑު އަމިއްލައަށް ހަދާފައި އިންނަ ގޮނޑިއެއްގައި."

އެކަމަކު، އިލެކްޓްރިކް ގޮނޑި ލިބުނު ފަހުން އޭނާ ވީހާ ވެސް ގިނައިން ބޭރަށް ނުކުމެ އެވެ. މަސައްކަތެއް އޮތިއްޔާ ވީވަރަކުން ކުރެ އެވެ.

"އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް އެއީ، މުޖުތަމައު ފުރިހަމަވެގެން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެކުގައޭ،" އާސިފް ބުންޏެވެ.

"އަޅުގަނޑުގެ ސިކުނޑި، ﷲ އިދާރަކުރެއްވީތީ އަދި ރަނގަޅު. އެހެންވީމާ، އަޅުގަނޑު މީހުންނަށް ކިޔައިދެނީ ކުރަންވާ މަސައްކަތް، ކުރަންވީ ގޮތް. އަޅުގަނޑު ބޭނުންވާ ގޮތަށް އެކަން ކުރަން."

ދަރިން ބޮޑެތިވެ، މިއަދު ހުރިހާ ކުދިން ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމައިގެން ކުރިއަށް ދާ ތަން ފެންނާތީ އޭނާ ވަރަށް އުފާވެ އެވެ. މި ހާލަތު އޭނާއަށް ޖެހުނު ދުވަހު، މާތް ﷲ އަށް ވަކީލުކޮށް، އެއަށް ވުރެ ބޮޑު ނިއުމަތަކަށް ނޭދެ އެވެ.