ސީއައިއޭ އިން 13 މިލިއަން ސަފުހާގެ ޑޮކިއުމަންޓް އާންމުކޮށްފި
ސީއައިއޭ އިން 13 މިލިއަން ސަފުހާގެ ޑޮކިއުމަންޓް އާންމުކޮށްފި

އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ސިއްރުތަކުގެ ގޮތުގައި ހުރި ޑޮކިއުމަންޓްތަކުގެ ތެރެއިން 13 މިލިއަން ސަފުހާގެ ޑޮކިއުމަންޓް އެ އިދާރާއިން އޮންލައިންކޮށް އާންމުކޮށްފި އެވެ.

މައުލޫމާތު ލިބުމުގެ ހައްގަށް ވަކާލާތުކުރާ މީހުންގެ ޕްރެޝަރާއި ސީއައިއޭއާ ދެކޮޅަށް ކުރާ ދައުވާތަކަށް ފަހު އާންމުކުރި މި ޑޮކިއުމަންޓްތަކުގައި، ޔޫއެފްއޯ ފެންނަ ވާހަކަ އާއި އިންސާނުންގެ އާދަޔާ ޚިލާފް ބާރުތަކާ ގުޅޭ ގޮތުން ކޮށްފައިވާ ތަހުލީލުތައް ފަދަ، ކޮންސްޕިރަސީ ތިއަރީތަކުގެ ގޮތުގައި މީހުން ދައްކާ ވާހަކަތަކާ ގުޅުން ހުރި މައުލޫމާތު ހިމެނެ އެވެ.

އާންމުކުރި ހުރިހާ މައުލޫމާތެއް ހިމެނެނީ 800،000 ފައިލްގަ އެވެ. މިއީ މީގެ ކުރިން ނެޝަނަލް އާކައިވްސް އިން ނޫނީ ބެލެން ނެތް މައުލޫމާތުތަކެކެވެ.

އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ރިޗަޑް ނިކްސަން އާއި ގެރާޑް ފޯޑްގެ ވެރިކަމުގައި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު ފުރުއްވި ހެންރީ ކިސިންޖާއާ ގުޅުން ހުރި މައުލޫމާތާއި ޖާސޫސީ ކަންކަމާއި ސައިންސާ ގުޅުން ހުރި އެތައް މިލިއަން ޑޮކިއުމަންޓެއް ވަނީ އާންމުކޮށްފަ އެވެ.

އާދަޔާ ޚިލާފް މައުލޫމާތު ހުރި ޑޮކިއުމަންޓްތަކަށް ބަލާއިރު، އާދަޔާ ޚިލާފު ބާރު ލިބިފައިވާ އިންސާނުންނާ ގުޅޭ ގޮތުން ހިންގި "ސްޓާގޭޓް ޕްރޮޖެކްޓް" ފާހަގަކޮށްލެވެ އެވެ. މި ޕްރޮޖެކްޓްގައި، ހީގެ މައްޗަށް ބިނާކޮށް ކަންކަން ދިމާކުރުމުގައި މަޝްހޫރުކަން ހޯދި ޔޫރީ ގެލާގެ ގާބިލްކަން ހުރި ވަރެއް ބަލާފައިވެ އެވެ. ބަންދު ކޮޓަރިއެއްގައި ގެލާ ބެއިންދުމަށް ފަހު އެހެން ކޮޓަރިއެއްގައި އިންނަ މީހަކު ކުރަހާ އެއްޗެއް ގެލާ އަށް ކުރަހަން އެނގޭ މިންވަރު ތަހުލީލުގައި ބަލާފައިވެ އެވެ. އަނެކާގެ ކުރެހުން ނުފެނި ގެލާ ވަނީ އެ ކުރެހުންތަކާ ދާދި އެއްގޮތަށް ކުރެހުންތައް ކުރަހާފައި ކަމަށް ޑޮކިއުމަންޓްތަކުގައި ބުނެފައިވެ އެވެ.

ޔޫއެފްއޯގެ ވާހަކަތައް ވެސް އާންމުކޮށްފައި ވާއިރު ނުފެންނަ ދެއްޔެއް އުފައްދާގެ ގޮތުގެ ރެސިޕީ ވެސް ވަނީ އާންމުކޮށްފަ އެވެ.

މިއީ އުސޫލެއްގެ ގޮތުން 1990ގެ ތެރޭގައި އާންމުކޮށްފައިވާ މައުލޫމާތަށް ވިޔަސް މި ލިޔުންތަކަށް އެކްސެސް ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު މިހާރު މި ލިޔުންތައް ވަނީ "ސީއައިއޭ ލައިބްރަރީ ވެބްސައިޓް"ގައި އާންމުކޮށްފަ އެވެ.