20 ފެބުރުއަރީ 2023 - 12:12

ދ. ޖުުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަހުމަދު އާމިރު، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިންކަން ސާބިތުވެ، 14 ދުވަހަށް ސަސްޕެންޑުކޮށް، ފަނޑިޔާރުންގެ ވައިބަ ގްރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން، ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.
އެ ކޮމިޝަންގެ ވެބްސައިޓުގައި ބުނީ ގާޒީ އާމިރުގެ ރަށްވެހިކަން ދ. ކުޑަހުވަދުއަށް ބަދަލުކުރުމަށް އެދި އެ ރަށުގެ ކައުންސިލް އިދާރާއަށް ހުށަހެޅިއިރު ދޮގު މައުލޫމާތު ދިނުމާއި ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާކަން ތަހުގީގަށް ފެންނަ ކަމަށެވެ.
އެ އަމަލަކީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށް ވާތީ، ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ ޖޭއެސްސީ ގާނޫނުގެ ދަށުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އާމިރު ވަޒީފާއަށް ނުކުތުން މަނާކޮށް ދެ ހަފުތާއަށް ސަސްޕެންޑުކުރަން ނިންމީ ކަމަށް ބުންޏެވެ.
ގާޒީ ނައީމަށް ނަސޭހަތް ދޭން ނިންމީ ގިނަ ފަނޑިޔާރުން ހިމެނޭ ވައިބާ ގްރޫޕަކަށް އޭނާ ފޮނުއްވި މެސެޖުތަކެއްގައި ބަސްމަގު ހުރިގޮތުން، ވެރިންނަށް ކުރަންޖެހޭ އަދަބު އިހުތިރާމް ކަނޑުވާލެވި ގަދަރު ކުޑަކުރެވިފައިވާތީ ކަމަށެވެ.
އެއީ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލަކަށް ވާތީ ގާޒީ ނައީމަށް ނަސޭހަތް ދޭން ފެންނަކަމަށް ނިންމީ ކަމަށް ޖޭއެސްސީން ބުންޏެވެ.