22 ފެބުރުއަރީ 2023 - 06:32

ބޮލީވުޑް ބްލޮކްބަސްޓާ "ޕަޓާން" ޝޫޓުކުރި އިރު އެންމެ އުނދަގޫވީ ކަމަކީ ހުސްގަޔާ ހުންނަން ޖެހުން ކަމަށް އެ ފިލްމުގެ ލީޑު ރޯލު ކުޅުނު ޝާހްރުކް ހާން ބުނެފި އެވެ.
ޓްވިޓާގައި "އާސްކްއެސްއާރްކޭ" ހޭޝްޓެގް ބޭނުންކޮށްގެން ހުޅުވާލި އިންޓަރެކްޓިވް ސެޝަންގައި، ޝޫޓުކުރަން އެންމެ އުނދަގުވީ ކޮން ސީންތަކެއްތޯ ފޭނަކު އެހުމުން ޝާހު ބުނީ، ހުސްގަޔާ ހުރި ޝޮޓުތައް ނަގަން އޭނާ ހުރީ ވަރަށް ލަދުން ކަމަށެވެ.
"ބޮޑީ ޝޮޓުތައް.. އަހަރެން ހުރީ ވަރަށް ވަރަށް ލަދުން. އަދި ވަރަށް ފިނިވެފައި،" ޝާހު ބުންޏެވެ.
އޭގެ އިތުރުން، "ޕަޓާން" ގެ ދެވަނަ ބައި ނިކުންނަނީ ކޮންއިރަކުންތޯ އަހަމުން ފޭނަކު ކުރި ޓްވީޓަކަށް ޖަވާބުދެމުން ޝާހު ބުނީ، "ޕަޓާން 2" ގެ އިތުރުން، އޭނާގެ އެހެން ފިލްމުތަކުގެ މައުލޫމާތު އޭނާ އަމިއްލަ އަށް އިއުލާނު ކުރާނެ ކަމަށެވެ.
"ޕަޓާން 2 އެކަންޏެއްނޫން، އަހަރެންގެ ހުރިހާ މަސައްކަތެއް އިއުލާނުކުރާނަން، އަމިއްލަ އަށް. މީހުން ފަތުރާ ވާހަކަތައް އަޑުނާހާ މަޑުކުރޭ، އަހަރެން ހަގީގަތް ހާމަކުރަންދެން،" ޝާހުގެ ޓްވީޓުގައި ބުންޏެވެ.
ސިލްވަ ސްކްރީނަށް ޝާހު އައިސްފައި މި ވަނީ ހަތަރު އަހަރަށް ފަހު އެވެ. "އާސްކްއެސްއާރްކޭ" ސެޝަންގައި، އޭނާ މި ހަތަރު އަހަރު ކުރީ ކީއްތޯ ސުވާލުކުރުމުން، ޝާހު ބުނީ "ފިލްމު ހަދާމީހަކަށް ނުވެ، އޯޑިއަންސްގެ ގޮތުގައި، ގޭގަ އިނދެގެން ބެލެން ހުރި ހުރިހާ ފިލްމެއް ބެލީ" ކަމަށެވެ.
ގިނަ އަދަދެއްގެ ރެކޯޑުތައް މުގުރާލި "ޕަޓާން" އަށް ފަހު، ޝާހްރުކް މިހާރު ތައްޔާރު ވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޖަވާން" ފިލްމަށެވެ. އެ ފިލްމުގެ ޕޯސްޓަރު މިހާރު ވަނީ އާންމުންނަށް ދައްކާލައިފަ އެވެ.