23 ފެބުރުއަރީ 2023 - 16:51

ހަށިވިއްކުމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި، ދެން ތިބި ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި އެވެ.
މާލޭގެ ގެސްޓްހައުސްއެއް ފާސްކޮށް، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކުރީ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއްގެ އިތުރުން ބިދޭސީ ދެ އަންހެނެކެވެ. އެ މީހުން ހައްޔަރުކުރީ ހަށިވިއްކުމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ ޝަރުތުތަކާ އެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތު އިތުރު ކުރުމަށްފަހު ބާކީ ތިބި ދެ އަންހެނުންގެ ބަންދަށް ދިނީ އެއް ދުވަހުގެ މުއްދަތެއް ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި ހަށިވިއްކުން އާންމުވެ، އެކަމާ ދެކޮޅަށް ފުލުހުން ފިޔަވަޅު ނާޅާތީ އާންމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އެކަމާ ގުޅިގެން، ރާއްޖޭގައި ސްޕާތައް ހިންގުމުގެ އުސޫލު ހަރުކަށިކޮށް، ސަރުކާރުން އިއްޔެ ވަނީ އާ ގަވާއިދެއް ނެރެފަ އެވެ.