24 ފެބުރުއަރީ 2023 - 08:32

ޕާކިސްތާނުގައި 2003 ގައި ބާއްވަން އޮތް، ސާފް ގޭމްސް އަށް ތައްޔާރު ވާން، ރާއްޖޭގެ އެތުލެޓިކްސް ޓީމުން އިންޑިއާގެ ޓްރޭނިން އަށް ދާން ތައްޔާރުވަމުން ދިޔައިރު، އެ ޓީމުގައި ހިމެނުނު އަބްދުﷲ އިބްރާހިމް (އަބުޅޯ) ތައްޔާރުވަމުން ދިޔައީ އޭނާގެ އަލަތު ކައިވެންޏަށެވެ. ކައިވެނި ކުރެވިއްޖެ އެވެ. އެ ދުވަހުގެ އުފަލުގައި ދެ ފަރާތުގެ އާއިލާއިން އެ ދެމަފިރިންގެ އުފަލުގައި ބައިވެރިވާން ތައްޔާރުވަނީ އެވެ. އެކަމަކު އަބުޅޯ، ދަބަސް ކޮނޑުއަޅައިގެން ފުރަން ދަތުރަށް ހެދީ އެވެ.
އަލަތު ކައިވެނީގެ ހަނީމޫނަކަށް ނޫނެވެ. ގައުމީ ގޮވާލުމަށް އިޖާބަ ދޭން ޖެހުނީ އެވެ. ގައުމީ އެތުލެޓިކްސް ޓީމުގެ ޓްރޭނިން ކޭމްޕްގައި ބެންގަލޫރަށް ފުރަން އެއާޕޯޓަށް ދާން އޭނާ އަށް އެންގި އެވެ. ބަހަނާއެއް ދެއްކޭކަށް ނެތެވެ. ދަތުރު ލަސް ކުރެވޭކަށް ވެސް ނެތެވެ.
"އޭރު ވެސް އެނގޭ އެ ދުވަސްކޮޅު އިންޑިއާ އަށް ފުރަން ޖެހޭނެކަން. އެކަމަކު ވަކި ދުވަހެއް ފައިނަލް ނުވެ އޮތީމަ ސީދާ އެގްޒެކްޓް ދުވަހެއް ނޭނގެ. ދަތުރު ހަމަޖެހުނީ ހަމަ ކުއްލިއަކަށް. އެ ދުވަހުން އެ ދުވަހަށް ފުރައިގެން ދިޔައީ އިންޑިއާ އަށް،" އޭރުގެ ހަނދާންތައް އަބުޅޯ ކިޔައިދިނެވެ.
އަލަތު އެ ކައިވެންޏަށް ދެ ދަރިން ލިބިފައިވާ އަބުޅޯގެ ދިރިއުޅުމަށް ބަދަލެއް ނައިސް ކުރިއަށް ދެއެވެ. އެތުލީޓެއްގެ ކެރިއާ ނިންމާލައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ކޯޗެކެވެ. ގައުމީ މިޑްލް ޑިސްޓެންޓްސްގެ ހެޑް ކޯޗެވެ. އެތުލެޓިކްސް ކްލަބް، ޓްރެކް އެންޑް ފީލްޑް ސީނިއާ ކޯޗެވެ.
ޕާކިސްތާނުގެ އެތެރޭގެ ދާހިލީ ހަމަނުޖެހުންތައް ބޮޑުވެ އެފަހަރުގެ ސާފް ގޭމްސް ކެންސަލް ކުރިއަސް، ގައުމީ ޓީމަށް އަބުޅޯ އިޖާބަ ދިން ގޮތަކީ މިއަދާ މާދަމާގެ އެތުލީޓުންނަށް ވެސް ފިލާވަޅެކެވެ. ޓްރެކް އެންޑް ފީލްޑްގެ އެކަޑަމީގައި ތަމްރީން ހަދަމުން އަންނަ ޒުވާން ކުދިންނާއި އަދި ގައުމީ ޓީމުގައި އޭނާ ކޯޗުކޮށް ދޭ އެތުލީޓުންނަށް އަބުޅޯ ދަސްކޮށްދޭން ބޭނުންވަނީ ގައުމީ ޓީމުން ފުރުސަތު ލިބުމުން އެއީ ޝަރަފެއް ކަމަށް ދެކިގެން އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތެވެ. ގައުމީ ޓީމުގެ ފުރުސަތަކީ ތޯތޯ އެއްޗަކަށް ނުހަދައި އެންމެ މަތީ ދަރަޖައިގައި އެތުލީޓުންގެ މަސައްކަތް ކުރުމެވެ.
ކޯޗިންގައި އަބުޅޯގެ ކޮންމެ ހަފުތާއަކީ އަތުލެޓިކްސް ކޯޗިންގެ އާ ކަމެއް ދަސްކުރާ ދުވަހެއް ކަމަށް އޭނާ ބުންޏެވެ. އަދި އެ ދަސްވި އެއްޗެއް ޓްރޭނިންގައި ބޭނުން ކުރެވޭތޯ އޭނާ ބަލަ އެވެ.
"ވަރަށް ގިނައިން ވަގުތު ހޭދަކުރަން ކޮންމެވެސް ގޮތަކުން އާ އެއްޗެއް ދަސްކުރުމުގައި. ކޯޗިންގައި ވެސް އާ މެތޮޑްތައް ހޯދައި ބެލުމުގައި އުޅެވޭ. އެއް މަސްވަންދެން ކުއްޖަކު އަޅުގަނޑު ކައިރި އަށް (ތަމްރީންތަކަށް) އަޔަސް އެނގޭނެ އަޅުގަނޑު ޓްރޭނިންތައް މި ގެންދަނީ ވަކި ޕްލޭނަކާ އެކުގައިކަން،" ރާއްޖޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދު އަށް ވެސް ތިން އަހަރު ވަންދެން ކޯޗު ކޮށްދިން އަބުޅޯ ބުންޏެވެ.
"އެ އެއް މަސްދުވަހުގެ ތެރޭ އެ ކުއްޖަކަށް ވެސް އެނގޭނެ. އެ ކުއްޖެއްގެ ޓްރޭނިން އަޅުގަނޑު ބައްޕަން ކޮށްފަ މިހުރީ ވަކި ޓާގެޓްތަކެއް އެޗީވްކުރަންކަން."
ޅ. ކުރެންދު އަށް އުފަން އަބުޅޯ ސްކޫލް ދައުރުގައި އެންމެ ފުރަތަމަ މަޝްހޫރުވީ މޮޅު ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ފަހުން މޭލެ އަށް ކިޔަވަން ބަދަލުވެ، ކުރީގެ އީޕީއެސް ސްކޫލްގައި އިންޓަ ސްކޫލް މުބާރާތާ ޖެހުމުން އޭނާ އެތުލެޓިކްސް އަށް ނަން ނޯޓް ކުރުވީ ކޮންމެހެން އެތުލެޓިކްސްގެ ހުނަރު ހުރެގެނެއް ނޫނެވެ. އޭނާގެ ކިބައިގައި ހުރީ ފުޓްބޯޅައިގެ ހުނަރެވެ.
"އަޅުގަނޑުމެން އުޅުނު ހައުސްގެ ކެޕްޓަނަކީ ރަށު ކުއްޖެއް ވީމަ އޭނާ އަށް އެނގޭނެތާ އަޅުގަނޑު. އޭނާ ބުނީ އަބުޅޯ ވަރަށް ހަލުވި ނޫންހޭ ފުޓްބޯޅަ ކުޅޭއިރު ވެސް. އެހެންވީމަ ގޮސް ނަން ނޯޓް ކުރާށޭ. އޭނަ ބުނިބުނުމަށް ބައިވެރިވީ،" އަބުޅޯ ކިޔައިދިނެވެ.
އިންޓަ ސްކޫލް ވާދަ ކުރި ރޭހުގައި އޭނާގެ ދުވެލި ބާރުކަމުން ފަހަތަށް ވައްޓާލެވޭނެ އެހެން ދުވުންތެރިޔަކު ނެތެވެ. ދެން އެތުލެޓިކްސް އެސޯސިއޭޝަންގެ ސަމާލުކަން ވެސް އަބުޅޯ އަށް ހުއްޓިއްޖެ އެވެ. ސްކޫލް އިންޓަ ހައުސް އެތުލެޓިކްސްގައި ބައިވެރި ނުވިނަމަ އޭނާ ކުރިއަށް ދާނީ ކޮންމެ ވެސް އެހެން ދާއިރާއެއްގަ އެވެ. ކުޅިވަރުގައި ނުވެސް އުޅުނީސް އެވެ.
ބައެއް އެތުލީޓުން ގައުމީ ޓީމާއެކު އެންމެ ފުރަތަމަ ދަނީ ޖޫނިއާ މުބާރާތްތަކަށާއި ކުދިކުދި މުބާރާތްތަކަށެވެ. އެކަމަކު އަބުޅޯ ފުރަތަމަ ވެސް ފޮނުވީ ބޮޑު ގޭމްސް އަކަށެވެ. މެލޭޝިއާގައި 1998 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ 400 މީޓަރުގައި ދުވަން ދިޔައިރު އޭނާގެ ކުރިމަތީގައި ބޮޑު ޗެލެންޖެކެވެ. އޭނާ ދުވަން އެރި ހީޓްގައި އޭރު އޭޝިއާގެ އެންމެ ވަރުގަދަ އެތުލީޓް ވެސް ހުއްޓެވެ. އެއް ހީޓްގައި ދުވެ އަބުޅޯ ރޭސް ނިންމީ 52 ސިކުންތުންނެވެ. އެއީ އޭރުގެ ޓައިމިން އަށް ބަލާނަމަ އަވަސް މިނެކެވެ.
"އޭގެ ކުރިން ބޭއްވި އޭޝިއަން ގޭމްސްގައި 400 މީޓަރުން މެޑަލް ހޯދި ދުވުންތެރިޔާ ހުރީ އަޅުގަނޑާ އެއް ހީޓެއްގައި ދުވަން. ފުރަތަމަ އިންޓަނޭޝަނަލް އިވެންޓްގައި އެ ފެންވަރުގެ އެތުލިޓަކާ ވާދަ ކުރަން ޖެހުމާ ކޮންމެ ވެސް ވަރަކަށް ހާސްވި. އެކަމަކު އެ ދުވަހު ރޭސް އެ ޓައިމިންގައި ވެސް ނިންމާލެވޭނެ ކަމަށް ހިއެނުކުރަން،" އޭރު ޓްރެކެއް ނެތި ހުސްފައިގައި ދުވެގެން އަޑި ޕާކުގައި ޓްރޭނިންތައް ހެދި ޖީލުގެ ދުވުންތެރިޔާ ބުންޏެވެ.
ރާއްޖޭގެ އެތުލެޓިކްސްގައި ބޮޑު ހޭދަ އާއި ސަމާލުކަން އޮންނަނީ ޓްރެކާއި ރޯޑްގެ އިވެންޓްތަކަށެވެ. ފީލްޑް އިވެންޓްތަކަށް ސަމާލުކަމެއް ނުދެ އެވެ. އަބުޅޯގެ ކްލަބަށް ޓްރެކް އެންޑް ފީލްޑްގެ ނަން ދިނީ ވެސް ފީލްޑް އިވެންޓްތަކަށް ވެސް އަލަށް އެތުލެޓިކްސް އާ ގުޅޭ ދުވުންތެރިންނަށް ފީލްޑް އިވެންޓްތަކަށް ވެސް ޝައުގުވެރިކަން އުފެއްދުމަށް ކަމަށް އަބުޅޯ ބުންޏެވެ.
"އެއީ މިހާރު ސަމާލުކަން ދޭން ޖެހޭ ދާއިރާއެއް. ފީލްޑް އިވެންޓްކަށް ވެސް އެބަޖެހޭ އިތުރު ފުރުސަތުތައް އޮންނަން،" މިޑްލް ޑިސްޓެންސް ރޭސްތަކުގައި ރާއްޖޭގެ މިހާރުގެ އެއްވަނަ އެތުލީޓް އާމިނަތު ޖައިޝާ އަށް ކޯޗުކޮށް ދެމުން އަންނަ އަބުޅޯ ބުންޏެވެ.