ރައީސް، ފަލަސްތީނުގެ ރައީސް އަރިހަށް: އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވި
ރައީސް، ފަލަސްތީނުގެ ރައީސް އަރިހަށް: އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގަތަރުގައި ކުރިއަށްދާ، އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ފަލަސްތީނުގެ ރައީސާ ބައްދަލުވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭގެ ޒަމާންވީ އެއްބައިވަންތަކަމާއި އެއްބާރުލުން އެ ގައުމަށް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެ ބައްދަލުވުމުގައި ދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ކޮންފަރެންސްގެ ތެރެއިން ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރެއްވިއިރު، ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅި ފުރަތަމަ ސަފީރުގެ ފަތްކޮޅު ވެސް ވަނީ މިދިޔަ ބުދަ ދުވަހު އަރުވައިފަ އެވެ.

ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅި ނޮން ރެސިޑެންޓް ސަފީރު، މުހައްމަދު ހަލީލް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު މަހްމޫދް އައްބާސަށް އެރުއްވީ އުރުދުންގައި ހުންނަ ފަލަސްތީނު އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިއީ ރާއްޖެއިން 1982 ވަނަ އަހަރު ފަލަސްތީނާ އެކު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން ރާއްޖޭގެ ސަފީރަކު ފަލަސްތީނުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ.