14 މާޗް 2023 - 11:17

ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތ. ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން އަހްމަދު އާއި ނައިބު ރައީސް މުހައްމަދު ސަރާހަށް ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އޭސީސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިއުލާންނުކޮށް، ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލާގައި ދެމީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީގައި އެދިފައިވާ ކަމަށެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސާއި ނައިބު ރައީސަށް ކަމަށް އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން އެދުނީ އެ ދެމީހުން މައްޗަށް ވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ކުށުގެ ދައުވާކޮށްދިނުމަށެވެ.
އޭސީސީން ބުނި ގޮތުގައި، އެ ދެމީހުން ވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ގަވާއިދާއި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ގުރައިދޫ ކައުންސިލުން އަމަލުކުރަމުން އަންނަ އުސޫލާ ހިލާފުވެފަ އެވެ.
އެ އުސޫލުތަކާ ހިލާފަށް އިއުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި އެ ދެމީހުން ސޮއިކޮށްފައި ވާތީ، ބިންތައް ދޫކުރުމުގައި ދެމީހުންގެ ބައިވެރިވުން އޮތްކަން ތަހުގީގަށް އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.