17 މާޗް 2023 - 06:39

ޑީސީ ޔުނިވާސް "ސުޕަމޭން" ގެ އާ ފިލްމު ޑައިރެކްޓުކުރަން ޖޭމްސް ގަން ހަމަޖައްސައިފި އެވެ.
ޑީސީ ސްޓޫޑިއޯއާ ހަވާލުވެ ހުރި ޖޭމްސް ކުރި ޓްވީޓެއްގައި ބުނީ، ޖުލައި 11، 2025 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ސުޕަމޭން: ލެގަސީ" ޑައިރެކްޓުކުރާނީ އޭނާ އަމިއްލަ އަށް ކަމަށެވެ.
ދުނިޔޭގައި އުޅެ ބޮޑުވި ސުޕަމޭންގެ އުފަން ޕްލެނެޓް، ކްރިޕްޓޯންގެ ސަގާފަތާއި ތަރިކަތަށް އަލުން ހޯދުމަށް ކުރާ ދަތުރުގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ ވެސް އޭނަ އެވެ.
ޖޭމްސް ބުނި ގޮތުގައި، ފިލްމުގެ ރިލީޒް ޑޭޓަކީ އޭނާގެ ބައްޕަގެ އުފަންދުވަސް ކަމަށާއި، އެކަން އޭނާ އަށް އެނގުނީ ވެސް، އޭނާގެ ކޮއްކޮ އެ ވާހަކަ ބުނުމުން ކަމަށެވެ.
"އަހަރެންގެ ބައްޕަ މީގެ ތިން އަހަރުކުރިން ވަނީ މަރުވެފައި. އެއީ އަހަރެންގެ ބެސްޓް ފްރެންޑް. ކުޑައިރު މާބޮޑަށް އަހަރެންގެ ވިސްނުން ބައްޕައަށް ނޭނގުނަސް، ކޮމިކާއި ފިލްމަށް އަހަރެންގެ އޮންނަ ލޯތްބަށް ބައްޕަ އަބަދުވެސް ސަޕޯޓުކުރޭ،" ޖޭމްސް ލިޔުނެވެ.
އޭނާ ބުނީ މީގެ އަހަރުތަކެއް ކުރިން ސުޕަމޭން ފިލްމު ޑައިރެކްޓުކުރަން ލިބުނު ކަމަށާއި އޭނާ އޭރު އެ ހުށަހެޅުން ބަލައި ނުގަންނަ ކަމަށެވެ.
"...ފުރަތަމަ ނޫނެކޭ ބުނި ސަބަބަކީ އަހަންނަށް ސުޕަމޭނަށް ހައްގުވާ ފަދަ ހާއްސަ، މަޖާ އަދި ޖަޒުބާތީ އިހުސާސެއް ކުރެވޭނެ ގޮތް ނެތުން،" ޖޭމްސް ބުންޏެވެ.
އެކަމަކު، ފާއިތުވި އަހަރުތެރޭ އެ ވިސްނުން ބަދަލުވީ އެވެ. ފުރަތަމަ ޖެހިލުންވި ނަމަވެސް، ފިލްމުގެ ސްކްރިޕްޓު ރީތިވުމުން، ޑައިރެކްޓުކުރަން ވެސް ނިންމީ ކަމަށް އޭނާ ބުންޏެވެ.
ޖޭމްސް ގަން ވަނީ މާވެލްގެ "ގާޑިއަންސް އޮފް ދަ ގެލެކްސީ" ސީކުއެލް އާއި "ސުއިސައިޑް ސްކޮޑް" ފަދަ ފިލްމުތައް ޑައިރަކްޓުކޮށްފަ އެވެ.