މޫނު ބުރުގާ މައްސަލައިގައި އަރަބިއްޔާ ބެލެނިވެރިން ކޯޓަށް
މޫނު ބުރުގާ މައްސަލައިގައި އަރަބިއްޔާ ބެލެނިވެރިން ކޯޓަށް

އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދާން އަރަބިއްޔާގެ ބެލެނިވެރިން ނިންމައިފި އެވެ.

މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި އެ ސްކޫލަށް ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެ އަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް އެދިފަ އެވެ.

ނަމަވެސް މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން، މޫނު ބުރުގާ އަޅާ ކުދިން ހާޒިރުކޮށް ނަން ނޯޓުކޮށްފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ.

އަރަބިއްޔާ ސްކޫލު ޕީޓީއޭގެ މެމްބަރު، ޔޫސުފް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީއަށް ކުދިން މޫނު ބުރުގާ ނެގުމަށް ނޭންގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލުގެ ލީޑިން ޓީޗަރުންނާއި ބައެއް ޓީޗަރުން ކުދިން ވަކިން ގެންގޮސްގެން ވެސް މޫނު ބުރުގާ ނެގުމަށް ވާހަކަ ދައްކާ ހަދާ ކަމަށެވެ.

"ބައެއް ކުދިން ސްކޫލަށް ނާންނަ ވެސް ބުނޭ އެބަ މިކަންތައް ދިމާވީމަ. މިއީ މިކަހަލަ ގައުމެއްގައި ދިމާވެގެންވާނެ ކަންކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ

އެހެންވެ އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާގެ މެނޭޖްމަންޓް ގޮވައިގެން ކޯޓަށް ދާން ނިންމީ ކަަމަށް އޭނާ ވިދާޅުވި އެވެ.

އަޒްހަރު ޔުނިވާސިޓީގެ އެހީގައި މީގެ 36 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލްގެ ޔުނީފޯމުގައި އަންހެން ކުދިންނަށް ހިމެނެނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅު އެކަންޏެވެ.

ސްކޫލްގައި ކިޔެވޭނީ ބުރުގާ އަޅާ އަންހެން ކުދިންނަށް އެކަންޏެވެ. ނަމަވެސް، މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އެބަތިބި ކަމަށްވެ އެވެ.