ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި
ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވަކިކޮށްފި އެވެ.

އެ އޮފީހުގެ މިނިސްޓަރު ކަމަށް ނޮވެމްބަރު، 22، 2018 ގައި ހަމަޖެއްސި ޝިފާޒް މަގާމުން ވަކިކޮށްފައިވާ ކަން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ކަށަވަރުކޮށްދެއްވި އެވެ.

ޝިފާޒް މަގާމުން ވަކިކުރިއިރު އޭނާ އޮފީހަށް ނުނިކުންނަވާ ކަމަށް ބުނެ މައްސަލަ އޮތީ ބޮޑުވެފަ އެވެ.

އެމްޑީޕީ ދެ ފެކްޝަންގެ ތެރެއިން ޝިފާޒް ހުންނެވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރެއްވި ރިޔާސީ ޕްރައިމަރީގައި ވެސް ޝިފާޒް ތާއީދުކުރެއްވީ ނަޝީދަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާއި ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދަށް ކެމްޕޭންކުރެއްވި ޝިފާޒް ގެންދެވީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. ކޯލިޝަނަކުން ހިންގާ މި ސަރުކާރުގައި އެމްޑީޕީގެ ވައުދުތަކެއް ނުފުއްދާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ރިޔާސީ ޕްރައިމަރީއަށް ފަހު، "މި ސަރުކާރުން މަރުފަލިޖަހަމުންދާ" ކަމަށް ނުސީދާކޮށް ޝިފާޒް ވިދާޅުވެފައިވެ އެވެ.

ޝިފާޒް ވަކިކުރިއިރު، އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހުސެއިން އަމްރު ވެސް ވަނީ ވަކިކޮށްފަ އެވެ. އެމްޑީޕީގެ ދެބައިވުމުގައި އޭނާ ވެސް ވަނީ ސަރުކާރާ ދެކޮޅަށް ނުކުންނަވައިފަ އެވެ.

ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވައިގެން ސިޔާސަތުތަކަށް ފާޑުވިދާޅުވެ ސަރުކާރު ހިންގަން ދަތިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށް ރައީސްއާ އެކު ތިއްބެވި މެމްބަރުން ވިދާޅުވެ، ނަޝީދުގެ "ފިކުރެއްގެ ދިރުމުގެ" ބޭފުޅުންނަށް ބަހުގެ ހަމަލާތައް އަންނަނީ އަމާޒުކުރަމުންނެވެ.

ނަޝީދުގެ ފަޅީގެ މެމްބަރުން ގެންދަވަނީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓެއް ނެރެން ހިތްވަރުދީ ވާހަކަ ދައްކަވަމުންނެވެ. މިހާތަނަށް އެ ޕާޓީއާ އެކު ބައްދަލުވުންތަކެއް ވެސް ބާއްވާފައިވެ އެވެ.