29 މާޗް 2023 - 16:10

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަކިކުރުމާ އެކު، އޭނާއަށް ވުރެން ބޮޑަށް މި ސަރުކާރު ގެނައުމަށް ގުރުބާންވި ބޭފުޅަކު ނެތް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޝިފާޒް ހަމަޖެއްސީ ނޮވެމްބަރު 22، 2018 ގަ އެވެ. އެކަމަކު އޭނާ މިއަދު މަގާމުން ވަކިކުރިިއިރު އޭނާ އޮފީހަށް ނުނިކުންނަވާ ކަމަށް ބުނެ މައްސަލަ އޮތީ ބޮޑުުވެފަ އެވެ.
މަގާމުން ވަކިކުރުމާ އެކު ޝިފާޒް ދިފާއުކުރައްވައި ނަޝީދު ކުރެއްވި ޓުވީޓެއްގައި އެދިވަޑައިގަތީ ކަންބޮޑުވެވަޑައިނުގަތުމަށެވެ. އޭނާގެ މަސައްކަތްތައް ފާހަގަކުރައްވައި، މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން ބޮޑުވެފައިވާއިރު ޝިފާޒަކީ ނަޝީދުގެ ފަޅީގައި ހުންނެވި ބޭފުޅެކެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވާދަކުރެއްވިއިރު ވެސް ޝިފާޒު ތާއީދުކުރެއްވީ ނަޝީދަށެވެ.
ޝިފާޒު ވަކިކުރެއްވި މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ނެގެހެއްޓުމަށް އެކި ދަތިތަކާއި އަނިޔާގައި އޭނާ ކުރެއްވި މަސައްކަތްތައް އަގު ނުކުރެވޭނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު މަގާމުގައި ހުންނެވީ އެފަދަ އެތައް ބައެއްގެ ހިންމަތުންކަން ހަނދާން ނައްތާލައްވައި ޝިފާޒު މަގާމުން ވަކިކުރެއްވުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އީވާ ވިދާޅުވި އެވެ.
"ސަރުކާރު ބަލިކަށިވެ ގޮތް ހުސްވަނީ." އީވާގެ ޓުވީޓުގައިވެ އެވެ.
ޝިފާޒު މަގާމުން ވަކިކުރެއްވިއިރު އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހުސެއިން އަމްރު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާއަކީ ވެސް ނަޝީދު ފެކްޝަނުގައި ހުންނެވި ބޭފުޅެކެވެ.