ސަމޫހު: ނުވަ އަހަރު ފަހުން މާޒިޔާއަށް އާ ކެޕްޓަނެއް
ސަމޫހު: ނުވަ އަހަރު ފަހުން މާޒިޔާއަށް އާ ކެޕްޓަނެއް

ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ އާ ކެޕްޓަނަކަށް ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ހަމަޖައްސައިފި އެވެ.

ސަމޫހު: ނުވަ އަހަރު ފަހުން މާޒިޔާއަށް އާ ކެޕްޓަނެއް
ސަމޫހު: ނުވަ އަހަރު ފަހުން މާޒިޔާއަށް އާ ކެޕްޓަނެއް

ފާއިތުވި ނުވަ އަހަރު، 2014 އިން ފެށިގެން މާޒިޔާގެ ކެޕްޓަންކަން ކުރީ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސަކޮ) އެވެ. ނަމަވެސް މިދިޔަ ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވުމާ އެކު އަސަދުﷲ ވަނީ މާޒިޔާ ދޫކޮށްލައިފަ އެވެ. އަސަދުﷲ އާއި ސަމޫހު އަކީ ވެސް އދ. މަހިބަދޫ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބާ އެކު ދެވަނަ ޑިވިޝަން ގައި ކުޅެ، 2014 ވަނަ އަހަރު އެޓީމާ އެކު ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ސަމޫހު، 26، މާޒިޔާ އަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އަދި އެ އަހަރު އޭނާ ވަނީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ.

މާޒިޔާގެ ވައިސް ކެޕްޓަނުންނަށް ހަމަޖައްސާފައި ވަނީ މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) އާއި ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އަދި ފުލްބެކް ހަސަން ޝިފާޒް (ޑުންގާ) އެވެ.

ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިރުފާން، 28، މާޒިޔާ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އަދި ނިއު ރޭޑިއަންޓަށް ކުޅެމުން ވިދާލި ހަމްޒާ، 28 މާޒިޔާއާ ގުޅުނީ 2019 ވަނަ އަހަރެވެ. ޝިފާޒް، 30، ގެ މުޅި ކެރިއަރު ވެސް އޮތީ މާޒިޔާގަ އެވެ. އޭނާ ވަނީ 2011 ވަނަ އަހަރު މާޒިޔާގެ ޒުވާން ޓީމުގެ ކެޕްޓަންކަން ކުރުމަށް ފަހު ޖެހިގެން އައި އަހަރު ސީނިއާ ޓީމުން ޖާގަ ހޯދައިފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުރިއިރު، އެންމެ ފަހުން ގައުމީ ޓީމު ކުޅުނު ތިން މެޗުގައި ވެސް ކެޕްޓަން ބޭންޑް އެޅީ ސަމޫހު އެވެ. ރަސްމީކޮށް ސަމޫހު އަށް ގައުމީ ޓީމުގެ ކެޕްޓަންކަން ހަވާލު ކޮށްފައި ނުވިއަސް މިއަހަރު އޮތް ފީފާގެ ދި ބެސްޓް އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ރާއްޖޭގެ ގައުމީ ފިރިހެން ޓީމުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން ވޯޓު ލީ ސަމޫހު އެވެ.

ހަމަ އެއާ އެކު މާޒިޔާ އިން އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި ބޭއްވި ޓްރޭނިން ކޭމްޕުގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުތަކުގައި ޓީމް ލީޑު ކުރީ ވެސް ސަމޫހު އެވެ.

މާޒިޔާގެ ރަސްމީ ކެޕްޓަންކަމުގައި ސަމޫހު ކުޅޭ ފުރަތަމަ މެޗަކީ މިރޭ ސީޒަން ހުޅުވަން ކްލަބް އީގަލްސް އާ ދެކޮޅަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗެވެ. ގަލޮޅު ދަނޑުގައި ކުޅޭ މި މެޗު ފަށާނީ 10 ޖަހާއިރެވެ.