07 އެޕްރީލް 2023 - 10:02

"އަޅުގަނޑަށް ވެސް ފުރަތަމަ ބަލާލެވުނީ މި ލަފަށް،" އޭނާގެ ދަރިފުޅު، އައިޝަތު ޝަނާޔާ ޝަރީފް އުފަންވުމާ އެކު ފުރަތަމަފަހަރަށް ދަރިފުޅު ދެކިލުމަށްފަހު، އަހުމަދު ޝަރީފް "ހަވީރަ"ށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އެއީ، ޖޫން 19، 2013 އެވެ. އަހުމަދު ޝަރީފަށް ފެނުނީ އޭނާގެ ދަރިފުޅުގެ މޫނުގައި ބިޔަ ކަޅު ލަފެއް ހުއްޓަ އެވެ. އެކަހަލަ ލަފެއް ރާއްޖޭގެ އެއްވެސް ކުއްޖެއްގެ މޫނުގައި ހުރި ކަމަކަށް އޭރަކު، އަދި މިހާރު ވެސް ނުބެލެވެ އެވެ. އެހެންވެ، އެއީ، ދިވެހި މީޑިއާ އަށް، އަދި މުޅި ދުނިޔެ އަށް ވެސް ހާއްސަ ކަމަކަށްވި އެވެ.

""ވިހެއިމަ މި އިނގުނީ އެ ލަފު ހުރިކަން. އެއީ ހަމަ މި ކިޔާ ޖަޔަންޓް ލަފެއް،" ޝަރީފު، ޖޫން 22، 2013ގައި "ހަވީރަ"ށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެ އެވެ.

"އެ ހިސާބުން އަހަރެން އަވަސްވެގަތީ މިއީ ކޯއްޗެއްތޯ ބަލައި، ދެން ހެދޭނީ ކިހިނެއްތޯ ބަލަން."

ވިހެއުމުގެ ކުރިން ހެދި އެއްވެސް ޓެސްޓަކުން ވެސް އެ ލަފެއް ނުފެނެ އެވެ. އޭރު، ރަށުގައި އުޅެމުން އައި ދެމަފިރިން މާލެ އައީ ވިހާށެވެ. އެ މީހުންނަށް ކުއްލި ހައިރާންކަމެއް ގެނުވީ އެ ލަފާ އެކު އެވެ.

އެއީ އުފަން ލަފެކެވެ؛ އެކަމަކު ތަފާތަކީ ގަދަ ކަޅު ކުލައިގެ އެ ލަފު، ދޮންދޮން ތުއްތު ކުއްޖާގެ މުޅި މޫނުގެ ބޮޑު ބަޔަކަށް ފެތުރިފައި އޮތް ކަމެވެ. މުޅި މޫނުގެ ތިންބައިކުޅަ އެއްބަޔަށް އެ ލަފު އޮތީ ފެތުރިފަ އެވެ. ލަފު ހުރި ބައިގައި އޮތީ ރޫތައް ޖެހިފަ އެވެ.
މިއީ ބައްޔެއް ނޫނެވެ؛ އެކަމަކު މިއީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ފަހު، ޝަރީފު "މިހާރު" އަށް ބުނި ގޮތުގައި މިއީ މިލިއަނަކުން އެކަކަށް ވެސް ދިމާ ނުވާ ހާލަތެކެވެ.
އޭރު ޑޮކްޓަރުން ދެއްވި ލަފައަކީ، ރާއްޖެ އިން ބޭރަށް ދިއުމެވެ. އަދި އެ ލަފު އިތުރަށް ފެތުރޭ ނަމަ އެއީ ނުރައްކާތެރި ކަމަކަށް ވެދާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. ކެންސަރަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުންޏެވެ. އެހެންވެ، އެކި ގޮތްގޮތުން އެހީ ހޯދައިގެން ޝަރީފު ނިންމީ އަވަހަށް ރާއްޖެ އިން ބޭރަށް ގޮސް ޕްލާސްޓިކް ސާޖަރީ ހަދާށެވެ! އެކަމަކު، ފަހުން އެ ހިޔާލު ބަދަލުވި އެވެ. ސަބަބުތައް ވެސް ބައިވަރެވެ!
މިއީ އޭގެ 10 އަހަރު ފަހެވެ. ދ. މީދޫ ސްކޫލުން ކުދިން ނުކުމެގެން އައިއިރު، އެއީ ޝަނާޔާ ކަން އޭނާގެ މޫނުމަތިން އެނގިއްޖެ އެވެ. ވަރަށް މަޑުމައިތިރި ކުއްޖެކެވެ. އެހެން ކުދިންނާ އެކު ހިނގާލައިފައި އައިސް، ސްކޫލާ މާ ދުރު ނޫން ހިސާބެއްގައި ހުރި އޭނާގެ ގެއަށް ވަނެވެ.
"މިހާރު"ގެ ނޫސްވެރިން ކަން ޝަނާޔާ އާ ބައްދަލުކޮށްލަން އައިސް ތިބި ކަމަށް އޭނާގެ ބައްޕަ ބުނުމުން ޝަނާޔާ ނުކުތެވެ. ހިނިތުންވެލި އެވެ. އަދި ވާހަކަ ދައްކަން އެއްބަސް ވި އެވެ. އެއީ އޭނާ އަށް އާ ކަމެއް ނޫނެވެ. އޭނާ އަކީ، ހާއްސަ ކުއްޖެއް ކަން އޭނާ އަށް ވެސް އެނގެ އެވެ. އޭނާގެ ހަޔާތުގައި މިހާތަނަށް އައިއިރު، އެކި ކެމެރާތަކުގެ ކުރިމައްޗަށް ހުއްޓިއްޖެ އެވެ. ރާއްޖެ އާއި ބޭރުގެ ބައެއް މީޑިއާތަކަށް ވެސް އިންޓަވިއު ދެވިއްޖެ އެވެ.
"ލަފެއް ހުރުމަކީ ޝަނާޔާ އަށް މައްސަލައެއް ނޫން. އޭނާ ވެސް މިހާރު ބޭނުން ވަނީ އެ ލަފާ އެކު އުޅެން،" ޝަރީފު ބުންޏެވެ.
ޝަނާޔާ ބޮޑުވަމުން އައިއިރު، އެ ލަފާ ބެހޭ ގޮތުން ވަރަށް ގިނަ ސުވާލުތައް ކުރި އެވެ. އެކަމަކު، އެއީ، އޭނާ އެކަމާ ޖެހިލުންވެ، އޭނާ ކުރަން ޖެހޭ އެއްވެސް ކަމަކަށް އެއްވެސް އިރަކު އޮތް ހުރަހަކަށް ނުވި އެވެ.
"ސުވާލު ކުރޭ ކީއްވެގެން ހެއްޔޭ ޝަނާޔާގެ މޫނުގައި މާކް އިންނަނީ. ފާހަގައެއް ނުކުރެވޭ ޝަނާޔާ ދެރަވެގެން އުޅޭ ކަމެއް މާކް އިންނާތީ." މި ރަށު ސްކޫލުގައި ޓީޗަރެއްގެ ވަޒީފާގައި ހުރި ޝަރީފު ބުންޏެވެ.
"ޝަނާޔާގެ ފަރާތުން ތަފާތު އެއްވެސް ކަމެއް ފާހަގައެއް ނުވޭ. އޭގެ ސަބަބުން އިތުރު މައްސަލައެއް ވެސް ކުރިމައްޗެއް ނުވޭ. މި ރަށު އެންމެން ވެސް ވަރަށް ރަނގަޅު. ތަފާތެއް ނުކުރޭ ވަކި."
އެ ލަފު ނައްތާލާކަށް ޝަނާޔާ ވެސް، އަދި ޝަނާޔާގެ މައިންބަފައިން ވެސް މިހާރު ބޭނުމެއް ނޫނެވެ. ޝަނާޔާ ވެސް ބުނަނީ އެ ލަފުގެ ސަބަބުން އޭނާ އަށް އެއްވެސް ގެއްލުމެއް ކުރިމަތި ނުވާ ކަމަށާއި އެ ލަފުގެ ސަބަބުން އޭނާގެ ހާއްސަކަން އިތުރުވާ ކަމަށެވެ. މިހާރު އެއީ، ޝަނާޔާ ފާހަގަކުރާ މާކެއް ކަމަށް އޭނާ ވެސް ގަބޫލު ކުރެ އެވެ.
"[މާކް ނެގީމަ] ހަޑިވާނެ." ކްރިއޭޓިވް އާޓްސް އަށް ޝައުގުވެރިކަން ހުންނަ ޝަނާޔާ ބުންޏެވެ.
"މާކް އިނީމަ ހާއްސަ ކުއްޖެއް ކަމުގެ އިހުސާސްވޭ. އުފާވޭ."
ލަފުގެ ސަބަބުން ރިސްކެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާތީ، ކުރިން ހަދަން ނިންމި ސާޖަރީތައް ވެސް އޭރު ނުކޮށް ދޫކޮށްލީ ކަމަށް ޝަރީފު ބުންޏެވެ. ސަބަބަކީ، ރިސްކު އޮތީ ލަފު ނުނެގުމަށް ވުރެ ބޮޑަށް ނެގުން ކަމަށް ވާތީ އެވެ. އެކަމަށް ގައިގެ ހަމުން ބޮޑު ބައެއް ނަގަން ޖެހެ އެވެ. އަދި އެއީ ވަރުގަދަ އަދި ރިސްކީ އޮޕަރޭޝަނެއް ކަމަށް ޝަރީފު ބުންޏެވެ.
"[އެހެންވެ] ޑޮކްޓަރުން ވެސް ވަކި އެއްޗެއް ބުނަންދެން މަޑުކޮށްލައިގެން މި ހުރީ އަދި،" އޭނާ ބުންޏެވެ.
ޝަނާޔާ އަށް އެއްވެސް ބަދަލެއް އާދޭތޯ ބެލުމަށް، އިންޑިއާގައި ޝަނާޔާ ބަލާ ޑޮކްޓަރަށް ގަވައިދުން ފޮޓޯ ފޮނުވަ އެވެ.
އޭގެ ލަފުގެ ދެ ވައްތަރެއް އުޅެ އެވެ. އެއީ މޫނަށް ފެތުރޭ މާކާއި ނުފެތުރޭ މާކެވެ. ޝަނާޔާގެ މޫނުގައި އިން މާކަށް އެއްވެސް ވަރަކަށް ބަދަލެއް ނާދެ އެވެ. ޝަރީފު ބުނީ އެ ލަފު އެ އިނީ އެ ކުއްޖާ އުފަންވި އިރު ވެސް އިން ވަރަށް ކަމަށެވެ.
އޭގައި އޮތް ހަމައެކަނި އުނދަގުލަކީ، ބޮލުގެ އިސްތަށިގަނޑާ އެއްވަރަށް ލަފުގެ މަތިން އިސްތަށިތައް ދިގުވުމެވެ. އެހެންވެ، އެ އިސްތަށިތައް ދިގުވާއިރަށް ކޮށާލަން ޖެހެ އެވެ. އެހެން އެއްވެސް މައްސަލައެއް ނެތެވެ.
މި ހާއްސަ މޫނު ޝަނާޔާ އަށް ވެސް، މުޅި ރާއްޖެ އަށް ވެސް ހާއްސަ އެވެ. އޭނާ އަކަށް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެ ސިފަ ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ.