23 ޖެނުއަރީ 2017 - 10:35

މިލާން (ޖެނުއަރީ 23) – އޭސީ މިލާނުގައި އޭނާ ހޯދި ކާމިޔާބީތައް އެ ޓީމުގެ މިހާރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް ތަކުރާރުކުރެވިދާނެ ކަމަށް މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ ބުނެފި އެވެ.
އުމުރުން 17 އަހަރުގައި 1985 ވަނަ އަހަރު މިލާނަށް ފުރަތަމަ މެޗު ކުޅެދިންތާ 32 އަހަރު ފުރުމުގެ މުނާސަބަތުގައި ދިން އިންޓަވިއުއެއްގައި މަލްޑިނީ ބުނީ އޭނާ ފަދައިން ޑޮންނަރުއްމާ ވެސް މުޅި ކެރިއަރު މިލާނުގައި ހޭދަކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. މިލާނަށް 25 އަހަރު ކުޅެ މަލްޑިނީ ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު ހަތް ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.
އުމުރުން 16 އަހަރުގައި 2015 ވަނަ އަހަރު މިލާނުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން ފެށި ފަހުން ޑޮންނަރުއްމާގެ މަގާމް ގެއްލިފައެއް ނުވެ އެވެ. އެ ޓީމަށް ލީގުގައި 50 މެޗު ކުޅެދީފައިވާއިރު އޭނާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އުއްމީދީ ކީޕަރެވެ. އޭނާ ގެންދަން މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އާއި ޔުވެންޓަސް އިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.
"އަހަރެން އުއްމީދުކުރަން އަހަރެން ހޭދަކުރި ފަދަ ކެރިއަރެއް ޑޮންނަރުއްމާ ހޭދަކުރާނެ ކަމަށް. އަހަރެން ގަބޫލުކުރަނީ އެއީ އޭނާގެ ވެސް އުއްމީދު ކަމަށް ވާނެ ކަމަށް. އެކަމަކު އޭނާގެ ނަސީބު ވެސް އެހީވާން ޖެހޭ. ސަބަބަކީ އަހަރެން ކެރިއަރު ފެށިއިރު މިލާނުގައި އޮތީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ޓީމެއް،" އިޓަލީ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދާފައިވާ ޑޮންނަރުއްމާއާ ބެހޭގޮތުން މަލްޑިނީ ބުންޏެވެ.
މަލްޑިނީ ބުނީ ދެ ފަހަރެއްގެ މަތިން އެހެން ކްލަބްތަކުން އޮފާ ލިބުނު ކަމަށާއި އެކަމަކު މިލާނާ މެދު ހިތުގައި އޮތް ލޯބީގެ ވަރުގަދަކަމުގެ ސަބަބުން ބަދަލުނުވީ ކަމަށެވެ.
"ނުވަދިހައިގެ ތެރޭގައި ދެ އޮފާއެއް ލިބުނު. އެއީ ޗެލްސީންނާއި އާސެނަލްގެ ފަރާތުން. އެ ދުވަސްވަރު ދެ ސީޒަނެއް ދިޔަ މިިލާނުގައި މައްސަލަތަކެއް އޮތް. އެކަމަކު އަހަރެން ބޭނުމެއް ނުވި ބަދަލުވާން،" މަލްޑިނީ ބުންޏެވެ.
އުމުރުން 18 އަހަރު ވުމާ އެކު ޑޮންނަރުއްމާ މިލާނާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ އެދިފައިވާ މުސާރަ މިވަގުތު އެ ކްލަބުން ދޭނެ ކަމަށް ނުބެލެވެ އެވެ. އެއާ އެކު ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން އަންނަނީ އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރައިއޯލާ އަންނަނީ ޔުވެންޓަސްއާ އެކު ވެސް މަޝްވަރާކުރަމުންނެވެ. ޖިއަންލުއިޖީ ބުފޮން ރިޓަޔާކުރުމުން އޭނާ ނެތްތަން ފޫބައްދަން ޑޮންނަރުއްމާ ގެންދަން ބޭނުންވާކަމުގެ އިޝާރާތެއް ޔުވެންޓަސް އިން ވަނީ ދީފަ އެވެ.
ޑޮންނަރުއްމާގެ އޭޖެންޓް ރައިއޯލާ އެދިފައިވާ މުސާރަ އަށް މިލާނުން މިވަގުތު އެއްބަސް ނުވި ނަމަވެސް އެ ކްލަބާ އަލަށް ހަވާލުވާ ޗައިނާ ކުންފުނިން ވަނީ އޭނާ އަށް އަހަރަކު ފަސް މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ކޮންޓްރެކްޓެއް ހުށަހަޅަން ތައްޔާރުވަމުންނެެވެ. އޭރުން އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެއް ޒުވާން ކުޅުންތެރިޔާއަށެވެ.