10 އެޕްރީލް 2023 - 12:04

ލިވަޕޫލް (އޭޕްރީލް 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި އާސެނަލް 2-2 އިން އެއްވަރުވި މެޗުގައި ލައިންސްމަނަކު، ލިވަޕޫލްގެ ވާތު ބެކް އެންޑްރޫ ރޮބާޓްސަން އަށް އުޅަނބޮށިން ހަމަލާ ދީފި އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމިގެން ރޮބާޓްސަން ދަނޑުން ފައިބައިގެން ދިޔައީ ލައިންސްމަން ކޮންސްޓަންޓިން ހެޓްޒިޑާކިސް ގާތު މައްސަލައެއް ޖައްސަމުންނެވެ. އަދު އޭނާ ގޮސް ލައިންސްމަން އަތުގައި ހިފެހެއްޓުމުން ލައިންސްމަން ވަނީ ރޮބާޓްސަން އަށް އުޅަނބޮށިން ހަމަލާދީފަ އެވެ.
މި ކަމުގައި ރޮބާޓްސަން ޝާމިލުވާތީވެ އެކަމަށް ރެފްރީ ޕައުލް ޓިއޭނީ ވަނީ އޭނާއަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ. އެކަމަކު ކޮންސްޓަންޓައިން ވަނީ ދެ ވަނަ ހާފުގައި ވެސް ލައިން ބަލަހައްޓައިފަ އެވެ.
އިނގިރޭސި ރެފްރީންގެ ޖަމިއްޔާ (ޕީޖީއެމްއޯއެލް) އިން ވަނީ މި ހާދިސާ ތަހުގީގު ކުރާނެ ކަމަށް ބަޔާނެއް ނެރެފަ އެވެ.
ލައިންސަމަންގެ ފަރާތުން ހާފްޓައިމް ގައި ހިނގާދިޔަ ކަންކަމާ ގުޅިގެން މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާ ސުވާލު ކުރުމުން އޭނާ ބުނީ، އެކަމާ ވާހަކަ ދެއްކެން ނެތް ކަމަށާއި ކަން ވީގޮތް ފޮޓޯތަކުން ސާފު ވާނެ ކަމަށެވެ.
"އަހަރެންނަށް އެނގޭ އެ ކަމެއް ހިނގިކަން އެކަމަކު ނުދެކެން. ކަމެއް ހިނގި ނަމަ ފޮޓޯތަކުން އެކަން ސާފު ވާނެ،" ކްލޮޕް ބުންޏެވެ
މެޗު އެއްވަރު ވުމުން ލީގު އެއް ވަނައިގައި އޮތް އާސެނަލް އަށް ވަނީ މިހާރު އޮތް ލީޑު ދަމަހައްޓަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އާސެނަލް 30 މެޗުން 73 ޕޮއިންޓް ހޯދާފައި ވާއިރު ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ އެއް މެޗު މަދުން ކުޅެގެން 67 ޕޮއިންޓް ހޯދައިފަ އެވެ.
ލިވަޕޫލް އޮތީ 29 މެޗުން 44 ޕޮއިންޓް ހޯދައިގެން ލީގުގެ އަށް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވެސް ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލާ ގަދަ ހަތަރަކާ ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.