12 އެޕްރީލް 2023 - 11:45

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ވާދަކުރަން ނިންމާފައި ވާތީ، އެ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގައި ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަމަލީ ގޮތުން ހަރަކާތްތެރިވާން ފައްޓަވައިފި އެވެ.

އާއިޝާ ވަނީ އޭގެ ބައްދަލުވުމެއް ޖޭޕީގެ އޮފީސް އަދި ޖަގަހަ ކުނޫޒްގައި ރޭ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ވެސް ގިނަ ބަޔަކު ޖޭޕީ އަށް ސޮއިކުރި ކަމަށް އެ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"ބައްދަލުވުމުގެ މައިގަނޑު ބޭނުނަކީ ރަށްރަށުގައްޔާއި އެކި ދިމަދިމާލުގައި ޕާޓީގެ ރޫހު ވަރުގަދަކޮށް، ޕާޓީގެ ތަރުތީބުކޮށް، އެ ފަރާތްތަކާއި ޕާޓީއާ އޮންނަ ގުޅުން އިތުރަށް ވަރުދަ ކުރުން،" އޭނާ ވިދާޅުވި އެވެ.

އާއިޝާ ބޭނުންވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް، ޖޭޕީ އަށް މީހުން އިތުރު ކުރުމާ ގުޅޭ ތަމްރީނުތައް އާއިޝާ އިސްވެ ދެއްވަން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ރޭގެ ބައްދަލުވުމުގައި ޑެޕިއުޓީ ލީޑަރު އެހެން އާއިޝާ ވިދާޅުވި،" ޖޭޕީގައި އާއިޝާ އަރިހުގައި މަސައްކަތް ކުރާ އޮފިޝަލް ވިދާޅުވި އެވެ.
ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމްގެ އަނބިކަނބަލުން އާއިޝާގެ ހާއްސަ މަސައްކަތްތަކެއް ފެއްޓެވިއިރު، އެ ޕާޓީ އަށް ގިނަ އަދަދެއްގެ އަންހެން މެމްބަރުން އަންނަނީ ސޮއިކުރަމުންނެވެ. އޭގެ ތެރޭގައި އެކިއެކި ދާއިރާތަކުގައި ނަން ހިނގާ މަޝްހޫރު ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.
މި އަހަރުގެ އަންހެނުންގެ ދުވަސް ވެސް އާއިޝާ އިސްވެ ވަނީ ޖޭޕީގައި ފާހަގަކުރައްވައިފަ އެވެ. އެ ހަރަކާތުގައި ވެސް އެކި ދާއިރާތަކުގެ އަންހެނުން އޭނާ ބައިވެރި ކުރި އެވެ.
އެންމެ ފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އެންމެ މަތިން ވޯޓު ހޯއްދަވައިގެން ޑެޕިއުޓީ ލީޑަރުކަމަށް ވަޑައިގެންނެވި އާއިޝާ އެ ޕާޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ނިންމެވިއިރު، މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން ވަކިން ނުކުންނަން ނިންމި މައްސަލަ ވަނީ ހޫނުވެފަ އެވެ. ހާއްސަކޮށް ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ވަޒީރުންނާއި އެހެން ސިޔާސީ ބޭފުޅުން ސަރުކާރުން ވަކިވެވަޑައިނުގަންނަވާތީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.
ޖޭޕީގެ ލީޑަޝިޕްގެ ރައްދަކީ މި ސަރުކާރު ވެރިކަމަށް ގެނެސް މަސައްކަތް ކުރުމަށް އެ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމުން 2018 އިގައި ހެދި ކޯލިޝަން އެއްބަސްވުން އަދިވެސް ދެމިއޮތުމުން ޖޭޕީގެ ސްލޮޓްތައް ހުސްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާ ސީދާ ދެކޮޅު ނުހަދާ ނަމަ މަގާމުތަކުން ވަކި ނުކުރާނެ ކަމަށެވެ.