15 އެޕްރީލް 2023 - 15:53

ފުވައްމުލަކުގައި ޓިވެޓް ސެންޓަރެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން ފުވައްމުލަކުގައި ޓިވެޓް ސެންޓަރެއް ތަރައްގީކުރުމަށް ދެވަނަ ފަހަރަށް ބީލަން ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ.
އެ މަޝްރޫއުއަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން އިމާރާތްކުރުމާއި ހިންގުމުގެ މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި ފުވައްމުލަކު ޓިވެޓް ސެންޓަރުގައި އެންވަޔަރަމަންޓަލް ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްގެ ކޯސްތަކާއި ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގާނެ އެވެ.
އެތަން އިމާރާތްކުރުމަށްޓަކައި ފުވައްމުލަކުގައި 30،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާ ކަމަށާއި ޕްރޮޖެކްޓް ހިންގުމަށް އެތަން ދޫކުރާނީ 50 އަހަރަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ އެ ޕްރޮޖެކްޓްގެ ޑިޒައިން މިނިސްޓްރީން ދޭއިރު މިނިސްޓްރީގެ ހުއްދައާ އެކު ޑިޒައިނަށް ބަދަލު ގެނައުމުގެ ފުރުސަތު ޕްރޮޖެކްޓް ހިންގާ ފަރާތަށް އޮންނާނެ ކަމަށެވެ. އަދި ޓިވެޓް ސެންޓަރުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެ ބިމުގައި އިތުރު ވިޔަފާރި ހަރަކާތްތައް ތަރައްގީކުރުމުގެ ފުރުސަތު ވެސް ޕްރޮޖެކްޓް ހިންގާ ފަރާތަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފުވައްމުލަކު ޓިވެޓް ސެންޓަރުގައި އެކި ދާއިރާތަކުން ޕްރޮގްރާމުތައް ހިންގުމަށް ހާއްސަ މަލްޓި ޕާޕަސް ހޯލާއި ކްލާސްރޫމާއި އައިސީޓީ ލެބޯޓަރީ ހުންނާނެ އެވެ. އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމާއި އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމާއި ލައިބްރަރީ ވެސް ހުންނާނެ އެވެެ. އަދި އެތަނުގައި ދަރިވަރުންނަށް އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ އެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ 1:00 ގެ ކުރިން ބީލަން ހުށަހެޅުމަށް އިއުލާނުގައިވެ އެވެ.