26 އެޕްރީލް 2023 - 17:28

ރާއްޖޭގައި ހިންގާ ފައިސާގެ ސްކޭމްތައް މަދުކުރުމުގެ ގޮތުން، ކޮންމެ މީހަކަށް ގަނެވޭ ސިމްގެ އަދަދު ލިމިޓް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދު 15 ދުވަސް ތެރޭ ނިންމަން ލަފާދީފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބޭންކަށް ޖަމާކޮށްފައި ހުންނަ ފައިސާ "ގެއްލޭ" މައްސަލަ އާއި ސްކޭމް ކޯލްތަކުގެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީން ވަނީ ބަލައި އެކަމާބެހޭ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ލަފާދީ ރިޕޯޓެއް އެކުލަވާލައިފަ އެވެ.
މަޖިލީހުގެ ވޯޓުގައި މިއަދު ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުން ވަނީ އެ ކޮމިޓީން ދިން ލަފާތަކާ އެކު ރިޕޯޓް ފާސް ކޮށްފަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކަސްޓަމަރުން އަލަށް ނަގާ ސިމްތަކުގެ މައުލޫމާތު ފުރިހަމަ ނުކޮށް ބޭނުންކުރާ މައްސަލަ މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ހައްލު ކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެ ކުރިން ނަގާފައިވާ ސިމް ކާޑުތަކުގެ މައްސަލަ ހައްލު ކޮށްފައި ނުވާ ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ހުރިހާ ސިމްތަކަކީ ރަޖިސްޓްރީ ވެފައިވާ ނަމްބަރުތަކެއްކަން ކަށަވަރު ކުރުމަށާއި އެ ނަމްބަރުތަކުގެ ވެރިފަރާތް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ (ކެމް) އަށް ދަންނަވަން އެ ރިޕޯޓުގައި ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން މަޖިލީހުން މި ރިޕޯޓު ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ސިމް ކާޑުގެ އެކްސެސް ވަކި އަދަދަކަށް ލިމިޓުކޮށް، ސިމް ކާޑުތައް ރެގިއުލޭޓް ކުރުމަށް ކެމް އިން އެކުލަވާލަމުން އަންނަ ގަވައިދު ނިންމައި ގެޒެޓް ކުރުމަށް ވެސް ވަނީ ލަފާ ދީފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ފްރޯޑް ކޯލްތަކުގެ މައްސަލަ ފެށިގެން އަންނަނީ މާފުށީ ޖަލުންނެވެ. އެފަދަ ކޯލްތައް ޓެޕް ކުރުމަށް ހަރުކޮށްފައިވާ ޓަވަރަށް ލިބޭ 14 މައުލޫމާތެއް ހިއްސާ ކުރުމަށް އެއްބަސްވެފައިވީ ނަމަވެސް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުން ހިއްސާ ކުރަމުން ގެންދަނީ ނުވަ މައުލޫމާތެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ މައުލޫމާތުތައް ވެސް އެއް ފޯމެޓެއްގައި ނެތުމުން ގައިދީން ބޭނުންކުރަމުންދާ ނަމްބަރުތައް ދެނެގަތުމަށް އުނދަގޫވާ ކަމަށް ފުލުހުން ބުނެފައިވާތީ އެއްބަސްވެފައިވާ ގޮތަށް އެ މައުލޫމާތުތައް ދުވަހުން ދުވަހަށް ފޯރުކޮށްދިނުމަށް ވެސް އެ ރިޕޯޓުގައި ވަނީ ގޮވާލައިފަ އެވެ.
އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ހައްލު ކުރުމަށް މަލްޓި އެޖަންސީ ޓާސްކް ފޯސްއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސްނެގުމުގެ މަތިން އެކުލަވައިލުމަށް ދަންނަވައި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށާއި މައްސަލަތައް މަދުކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ވެސް އެ ރިޕޯޓު ފާސް ކުރާތާ 15 ދުވަސް ތެރޭގައި ގާއިމް ކުރުމަށް ވަނީ ލަފާ ދީފަ އެވެ.
ފްރޯޑްގެ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރުމަށާއި ކަމާ ގުޅޭ ގޮތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ވީހާވެސް އަވަހަށް ފާސް ކުރުމަށް އެ ރިޕޯޓުގައި އެދިފައިވެ އެވެ.