24 އެޕްރީލް 2023 - 12:16

މާލޭ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި މަރާމާތުކުރަން ޗައިނާގެ ކުންފުންޏާ ހަވާލުކުރީ 1.4 މިލިއަން ރުފިޔާއަށް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖީނިއަރިން ކުންފުންޏާ ހަވާލުކުރީ ތާރު މަގުގެ 32 ތަނެއް މަރާމާތުކުރަން ކަމަށެވެ.
ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި ބިޑަށް ކުރިމަތިލި ފަރާތްތަކުގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.
ކޮންޓްރެކްޓުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭއިރު، އެކަން ހަވާލުކުރީ 1,496,800ރ. އަށެވެ.
މޭޔަރު ވިދާޅުވީ މަގު ހެދިތާ ގިނަ އަހަރުތަކެއް ވަންދެން އަޅާނުލައި ދޫކޮށްލާފައި ހުރުމުން މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، ބޮޑުތި ސަރަހައްދުތައް އެއްކޮށް ނަގައި ހަދަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ހިސާބުގައި ތާރު އެޅީ ސިނަމާލެެ ބްރިޖު ހުޅުވިއިރު، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.