"ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" އަށް ފަހު އެމްސީޔޫއިން ގަމޯރާ ނުފެންނާނެ
"ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" އަށް ފަހު އެމްސީޔޫއިން ގަމޯރާ ނުފެންނާނެ

މާވެލް ސިނަމަޓިކް ޔުނިވާސް (އެމްސީޔޫ) ގެ "ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" އަކީ ގަމޯރާގެ ރޯލު ކުޅޭ އެންމެ ފަހު ފަހަރު ކަން، އެ ކެރެކްޓާއަށް ދިރުން ގެނެސްދިން ހޮލީވުޑްގެ ބަތަލާ ޒޯއީ ސަލްދާނާ ބުނެފި އެވެ.

ޒޯއީ ވަނީ 2014 ވަނަ އަހަރު ނިކުތް "ގާޑިއަންސް އޮފް ދަ ގެލެކްސީ" އަށް ފަހު އޭގެ ދެވަނަ ބަޔާއި، "އެވެންޖާސް؛ އިންފިނިޓީ ވާ" ގެ އިތުރުން "އެވެންޖާސް؛ އެންޑް ގޭމް" ގައި ވެސް ގަމޯރާގެ ރޯލު ކުޅެފަ އެވެ.

"އަހަންނަކަށް ހިޔެއް ނުވޭ މިއީ ގާޑިއަންސްގެ ނިމުން ހެނެއް. އެކަމަކު، މިއީ އަހަރެންގެ ވަކިވުން، ގަމޯރާގެ ވެސް ވަކިވުން،" އެމެރިކާގެ "ދަ ހޮލީވުޑް ރިޕޯޓާ" އާ ވާހަކަ ދައްކަމުން ޒޯއީ ބުންޏެވެ.

އެ އިންޓަވިއުގައި ޒޯއީ ވަނީ ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ގަން ދިން އިރުޝާދާއި ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކޮށްފަ އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" އަކީ އެ ޓްރިލޮޖީގެ އެންމެ ދިގު ފިލްމުކަމަށް ގަން މީގެކުރިން ބުނެފައިވެ އެވެ. އޭނާ ބުނިގޮތުގައި، އެ ފިލްމުގެ އެންމެ ސިކުންތަކީ ވެސް ބޭކާރުވާނެ ސިކުންތެއް ނޫނެވެ.