ރައީސްގެ ސިޓީއާ ހެދި އެއްވެސް މިންވަރެއް ގެއްލުނު ކަމަކަށް ނުދެކެން: މުއިއްޒު
ރައީސްގެ ސިޓީއާ ހެދި އެއްވެސް މިންވަރެއް ގެއްލުނު ކަމަކަށް ނުދެކެން: މުއިއްޒު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ސިޓީއާ ހެދި އެއްވެސް މިންވަރެއް ގެއްލުނު ކަމަކަށް ނުދެކެން: މުއިއްޒު
ރައީސްގެ ސިޓީއާ ހެދި އެއްވެސް މިންވަރެއް ގެއްލުނު ކަމަކަށް ނުދެކެން: މުއިއްޒު

އިން ކަނޑައެޅުމުގައި ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމިޔަސް މިކަމާ ގުޅުވައި ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ރޭ ވިދާޅުވީ އިގްތިސާދީ ނަފާ ހޯދަން ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލު ގެއްލިއްޖެ ކަމަށެވެ. އޭގެ ސަބަބަކީ ގާސިމް ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކުރުމެވެ. އެއާ އެކު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ހުކުމުން އެނގެން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ގާސިމްގެ ވާހަކައިގައި ހުރި ގާނޫނީ ކަންކަން ސާފުކޮށްދެއްވައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ގާނޫނީ ވަކީލް މުއިއްޒު ވަނީ ސަރުކާރުން އެކަމުގައި ގެންގުޅުނު ސްޓޭންޑް ދިފާއުކުރައްވައިފަ އެވެ.

"51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޮސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް. ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކެން،" މުއިއްޒު ވިދާޅުވި އެވެ.

އިޓްލޮސްގެ ނިންމުމުގައި ރައީސްގެ ސިޓީއާ ހަވާލާދީ ބުނެފައި އޮތީ މައްސަލައިގެ ބޭނުމަށް ބްލެނެހެއިމް ރީފްގެ ދިރާސާތައް ކުރަން ހިނގި ހަރަދުގެ ގޮތުގައި މަދުވެގެން 460،000 ޔޫރޯ ރާއްޖޭން ދައްކަން އަމުރު ކޮށްދިނުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ވާހަކަ އެވެ.

ސިޓީއާ ގުޅޭ ތުހުމަތުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި އޮތީ ގައުމުތަކުގެ ވެރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފޮނުވާ ސިޓީ ސަރުކާރުން އާއްމުނުކުރިޔަސް އޭގައި ދިވެހިންނަށް ގެއްލުންވާނެ ވާހަކައެއް ނޯންނާނެ ކަަމަށެވެ.

"އަޅުގަނޑު ފޮނުވި ސިޓީގައި ހުރި ވާހަކަ ހުކުމުގައި ތަފްސީލީ ގޮތެއްގައި އެބަހުރި. އަޅުގަނޑުމެން ކުރީގައި 2019 ވަނަ އަހަރު އެ މައްސަލައައީމާ ވޯޓުދިނީ ކީއްވެގެންކަން، އެއްވެސް ހާލެއްގައި ހުށަހެޅިފައި އޮތް ހުށަހެޅުމާ އިދިކޮޅަށް ދޭ ވޯޓެއް ނޫންކަން. އެއްވެސް ހާލެއްގައި ބައެއްގެ އިސްތިއުމާރުގެ ދަށުގައި ގައުމުތައް ތިބުމަކަށް އެއްވެސް އިރެއްގައި އަޅުގަނޑުމެން ތާއީދެއް ނުކުރަން. ނަމަވެސް އޭރު އަޅުގަނޑުމެންގެ ކްލެއިމެއް އޮތޭ އިޓްލޮސްގައި މޮރިޝަސް އިން ޗާގޮސްއަށް ކޮށްފައި އޮތް ކްލެއިމަކީ ކުރެވޭނެ ކްލެއިމެއް ނޫން ކަމަށް. އެހެންވީމަ އެއަށް ކުރާ ޕްރޮޓެސްޓެކޭ މިއީ. އެހެން ނަމަވެސް އޭގެ ފަހުން ނިންމައިފިއޭ މޮރިޝަސް އިން އެ ހުށަހަޅާފައި އޮތް ކްލެއިމް، ޗާގޮސްގެ މައްޗަށް އޮތް ކްލެއިމް ކުރެވޭނެއޭ، ތިމަންނަމެން ކުރިއަށް ގެންދާނަމޭ، އޭގެ މާނައަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެކޭ، އެ ވާހަކަ އަޅުގަނޑު ބުނެފައި އިންނާނީ،" ސިޓީގެ ވާހަކަތައް ތަފްސީލްކޮށްދެއްވައި ވިދާޅުވި އެވެ.

"އެ މައްސަލަ އަތުވެއްޖިއްޔާ އަޅުގަނޑުމެން އަމަލުކުރާނީ މިގޮތަށޭ. އެއީ އިނގިރޭސިންގެ ތަނެކޭ އަޅުގަނޑުމެން ނުބުނާނަމޭ."

މި ހުކުމުގެ ކުރިން ވެސް މުއިއްޒު ވަނީ ޗާގޮސް މައްސަލާގައި ރާއްޖޭގެ ހައްގުތައް ހިމާޔަތްކޮށް ދިވެހިންގެ މަސްލަހަތުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ލިއުންތަކުން ފެންނަން އޮތް ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި އިޓްލޮސް އިން ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ. ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އަށް ލިބެ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.

ރާއްޖެއަށް ކަނޑުގެ ބޮޑުބައި ލިބިފައިވުމަކީ ކާމިޔާބެއް ކަމަށް ސަރުކާރުން ބުންޏަސް ޕީޕީއެމާއި އެމްއެންޕީ އާއި އެމްއާރުއެމުން ވެސް ވަނީ އެ ނިންމުން ބަލައިނުގަންނަކަން ހާމަކޮށްފަ އެވެ.