24 ޖެނުއަރީ 2017 - 14:28

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރު ޖަލު ހުކުމުން ސަލާމަތްވެ، 28،800ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވިސާމާއި ލީވާންގެ މައްޗަށް ދައުލަތުން ދައުވާކުރީ ނޮވެމްބަރު 2015ގައި މުލީއާގެ ކައިރިން ބޮމެއް ފެނިގެން ސިފައިންނާއި ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދެއްގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ހުންނަވަނިކޮށް ފުލުހުން އޭނާ ހައްޔަރުކުރަން އުޅުނު ވަގުތު އެކަމަށް ހުރަސް އެޅިކަމަށް ބުނެ އެވެ. މި ދެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މިދިޔަ މަހު އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް އިއްވެވި ހުކުމުގައި ވަނީ ގާނޫނު ތަންފީޒު ކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅި ކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ވިސާމާއި ލީވާންގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި އެ ދުވަހު އެ ތަނުގައި ދެ މީހުން ތިބިކަން ދިފާއީ ވަކީލުންގެ ހެކި ބަހުން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހެކި ބަސް ދިން ފުލުހުން ބުނި ގޮތުގައި ފިޔާޒް ހައްޔަރު ކުރަން އުޅުނު ވަގުތު ވިސާމާއި ލީވާން އެކަމަށް ހުރަސް އެޅުމުގެ ގޮތުން ފުލުސް މީހާގެ އުނަގަނޑުގައި ބައްދާ، ފިޔާޒުގެ ގައިން އެ މީހާގެ އަތް ނައްޓާލަން އުޅުނެވެ.
ނަމަވެސް ދިފާއީ ވަކީލުން ބުނެފައިވަނީ ފުލުހުން ވިސާމް އާއި ލީވާންގެ ގައިގައި ތެޅި މަންޒަރު ފެނުނު ކަމަށާއި ފުލުހުންގެ އެއްވެސް ކަމަކަށް އެ މީހުން ހުރަސް އަޅާފައި ނުވާ ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދެ މީހުންގެ މައްޗަށް ދައުވާ ކުރިއިރު، އެ މީހުން ޖޫރިމަނާ ކުރީ ގާނޫނުލްއުގޫބާތުގެ އަދަބު ކަނޑައެޅުމުގެ 1005 ވަނަ މާއްދާގެ ދަށުންނެވެ.
ދައުވާގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އެ މައްސަލާގައި ޖޫރިމަނާކުރީ އެއީ އެ ދެ މީހުންގެ މައްޗަށް އެފަދަ ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުވުމުން ކަމަށް ހުކުމުގައިވެ އެވެ.
ޖިނާއީ ކޯޓުގެ ހުކުމަށް ފަހު ދެ ނޫސްވެރިންގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
ހަސީން ވިދާޅުވި ގޮތުގައި ހުކުމް އިސްތިއުނާފް ކުރައްވަނީ ޖޫރިމަނާ ކުރި ނަމަވެސް ނޫސްވެރިން ކުށްވެރިވާ ކަމަށް ގަބޫލުނުކުރެއްވޭތީ އެވެ.
މިއީ ފަހުގެ ތާރީޚެއްގައި ނޫސްވެރިންގެ މަައްޗަށް ޖިނާއީ ދައުވާއެއް އުފުލައި، ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ. އާ ގާނޫނުއަސާސީގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަން ލިބުނު ފަހުން، ކުރީގެ ސަރުކާރުތަކުން ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.
މި ދެ ނޫސްވެރިންގެ އިތުރުން ފިޔާޒާއި ރާއްޖެ ޓީވީގެ އެހެން ނޫސްވެރިއެއްގެ މައްޗަށް ވެސް ޖިނާއީ ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިންގަމުންނެވެ. އަދި ވިސާމްގެ މައްޗަށް އުފުލާފައިވާ ޖިނާއީ އެހެން ދައުވާއެއްގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.