05 މެއި 2023 - 19:46

ކޮވިޑް-19 ގެ ބިރު މުޅި ދުނިޔެއަށް ބޮޑުވުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން މީގެ ތިން އަހަރު ކުރިން އިއުލާނުކުރި ކުއްލި ހާލަތު މިއަދު އުވާލައިފި އެވެ.
ކޮވިޑަކީ މިހާރު ހެލްތު އިމާޖެންސީއެއް ނޫން ކަމަށް ބަޔާންކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބަލީގެ ނުރައްކާ އެންމެ ބޮޑުވި އިރު، ކޮންމެ ހަފްތާއަކު 100،000 މީހުން މަރުވި ކަމަށާއި އެކަމަކު މިދިޔަ މަހުގެ 24 ގައި އެ އަދަދު 3،500 އަށް ވެއްޓިފައިވާ ކަމަށެވެ.
ޑަބްލިޔުއެޗްއޯ އިން ބުނީ ކޮވިޑްގެ ކުއްލި ހާލަތު އުވާލިއިރު އެ ބަލީގައި، މަދުވެގެން ހަތް މިލިއަން މީހުން މަރުވެފައިވާ ކަމަށެވެ. އެކަމަކު އެ ޖަމިއްޔާގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރޭޔެސުސް ވިދާޅުވީ ކޮވިޑްގައި މަރުވި މީހުންގެ އަދަދު 20 މިލިއަނާ ގާތްކުރާނެ ކަމަށާއި ކޮވިޑް ޖައްސާ ވައިރަހަކީ އަދިވެސް ނުރައްކާ ވައިރަހެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށެވެ.
"އިމަޖެންސީ ކޮމިޓީ 15 ވަނަ ފަހަރަށް ބައްދަލުކުރުމަށް ފަހު ކޮވިޑްގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އަޅުގަނޑަށް ވަނީ ލަފާ ދެއްވާފައި. އެހެންވެ އެ ލަފާ ގަބޫލުކޮށް އެކަން މި އިއުލާނުކުރަނީ އުންމީދުތަކާ އެކު،" ޓެޑްރޮސް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ މި ހާލަތު އުވާލަން ނިންމުމުގެ މާނަ އަކީ ބަލީގެ ނުރައްކާ ކުޑަވުން ނޫން ކަމަށެވެ. ހާލަތު ގޯސްވާ ނަމަ އަލުން އިމަޖެންސީ ހާލަތު ގެންނަން ޖެހޭނެ ކަމަށާއި ރައްކާތެރިކަން އިސްކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑްގެ ނުރައްކާ ހާމަވެ އެ ބައްޔަކީ މުޅި ދުނިޔެއަށް ކުއްލި ހާލަތެއްގެ ގޮތުގައި ކަނޑައަޅަން ޑަބްލިޔުއެޗްއޯ އިން ނިންމީ ޖެނުއަރީ 2020 ގަ އެވެ. މި ބަލި މިހާތަނަށް 687 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވެ އެވެ. އެންމެ ފުރަތަމަ ޗައިނާއިން ފެނުނު މި ބަލި މުޅި ދުނިޔެއަށް ފެތުރި ގައުމުތައް ބަންދުކުރަން ޖެހި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި މައްސަލަތަކާ ކުރިމަތިވި އެވެ. މުޅިން އަލަށް ފެނުނު މި ބައްޔަށް ވެކްސިން ހޯދައި އެ އުފައްދައި އަދި ވެކްސިން ދިނުން ވެގެން ދިޔައީ ތާރީހު ނުދެކޭ ފަދަ ބޮޑު ގޮންޖެހުމަކަށެވެ.