24 ޖެނުއަރީ 2017 - 17:53

ނަށަން ހުއްޓާ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ އަންހެނަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި އޭނާ ހުރީ ކ. ގުރައިދޫގައި ހުންނަ ދައުލަތުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޖީންސަކާއި ޓީޝާޓެއް ލައި ކޮނޑުގައި ދަބަހެއް އަޅުވައިގެން އާޓިފިޝަލް ބީޗް ކައިރީގައި ހުރެ އެކި ގޮތްގޮތަށް ހަރަކާތް ކުރަމުން ދިޔަ އަންހެނެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެެވެ. އަދި އޭނާއަށް ޖޯކު ޖަހައި މީހުން އަންނަނީ މަލާމާތްކުރަމުންނެވެ.
އެފަދަ މީހަކު އެކަނި މަގުމަތީގައި އުޅޭތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް ފާޑު ކިޔައިފަ އެވެ.
އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އާމިނަތު ހުސެއިން ޝަރީފް (އައިންތު) ވިދާޅުވީ ސައިކޭޓްރިސްޓަކަށް ދެއްކުމަށްފަހު މި މަހުގެ ތެރޭގައި އޭނާ އެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އަދި އެއީ ކުރީގެ ވީޑިއޯއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސައިކޭޓްރިސްޓަކަށް ދެއްކުމަށްފަހު އަޅުގަނޑުމެން މި މަހުގެ ތެރޭގައި ވާނީ ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ. އެހެންވީމަ އެއީ ކުރީގެ ވީޑިއޯއެއް،" އައިންތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުކޮށް އެ މީހުންނަށް މަލާމަތްކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެފަދަ މީހުންނަށް އެހީވުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ.
"އެފަދަ އަމަލުތައް ކުށްވެރިކުރަން. އެންމެންގެ ވެސް އެހީ ބޭނުންވާ މީހުންނަށް މަލާމަތްކޮށް ހެދުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް. މުޖުތަމައުގެ އެންމެންގެ ވެސް ޒިންމާއެއް އެފަދަ ކަމެއް ފެނިއްޖެ ނަމަ ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓު ކުރުމަކީ،" އައިންތު ވިދާޅުވި އެވެ.