މާޒިޔާގެ ސާބިއާ ޑިފެންޑަރު ކޮވަސެވިޗް ޓީމާ ގުޅިއްޖެ
މާޒިޔާގެ ސާބިއާ ޑިފެންޑަރު ކޮވަސެވިޗް ޓީމާ ގުޅިއްޖެ

މާޒިޔާ އަށް ގެނައި ސާބިއާ ޑިފެންޑަރު މިލޯސް ކޮވަސެވިޗް މިއަދު ޓީމާ ގުޅި ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ އެވެ.

މާޒިޔާގެ ސާބިއާ ޑިފެންޑަރު ކޮވަސެވިޗް ޓީމާ ގުޅިއްޖެ
މާޒިޔާގެ ސާބިއާ ޑިފެންޑަރު ކޮވަސެވިޗް ޓީމާ ގުޅިއްޖެ

ކޮވަސެވިޗަކީ މާޒިޔާ އަށް ގެނައި ހަތަރު ވަނަ ބިދޭސީ ކުޅުންތެރިޔާ އެވެ. އަނެއް ތިން ކުޅުންތެރިންނަކީ ކިރްގިސްތާން ގައުމީ ޓީމުގެ ކީޕަރު ޕަވެލް މަޓިއަޝް އާއި ރުމޭނިއާގެ ވަރުގަދަ ޓީމުތަކަށް ކުޅެފައިވާ ޑިފެންޑަރު އަންދްރެއި ކޯޑޯސް އަދި ސާބިއާގެ ފޯވާޑް އަލެކްސަންޑަ ރަކިޗެވެ.

މާޒިޔާ އަށް މިއަދު ގެނައި އުމުރުން 25 އަހަރުގެ ކޮވަސެވިޗަކީ ސާބިއާގެ ސުޕަ ލީގުގެ ހަޖުކް ކުލާ އާއި ސާބިއާގެ ފުރަތަމަ ޑިވިޝަންގެ ނޮވީ ސާޑް އަދި ލިތުއޭނިއާގެ ފުރަތަމަ ޑިވިޝަންގެ ސުޑޫވާ އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކޮވަސެވިޗް ވަނީ ސާބިއާގެ ޔޫތު ގައުމީ ޓީމުތަކަށް ވެސް ކުޅެފަ އެވެ.

މާޒިޔާ އަށް މި އަހަރު ކޯޗުކޮށްދޭނީ ކުރިން ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗު ކޮށްދިން މެސެޑޯނިއާގެ ކޯޗު މަރްޔަން ސެކުލޮސްކީ އެވެ. އޭނާ އަކީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ކޯޗެކެވެ.

މިދިޔަ ސީޒަނުގައި ވެސް މާޒިޔާ އިން ފެނުނު ގިނަ ކުޅުންތެރިންތަކެއް މި އަހަރު ވެސް އެ ޓީމުން ފެންނާނެ އެވެ. އެ ޓީމު ދޫކޮށްދިޔައީ މިހާތަނަށް ފަސް ކުޅުންތެރިންނެވެ. އެއީ ނިއު ރޭޑިއަންޓަށް ބަދަލުވި އިމްރާން މުހައްމަދާއި އީގަލްސް އަށް ބަދަލުވި އަހުމަދު ނާޝިދު (ނައްޓޭ)ގެ އިތުރުން ވިކްޓަރީއާ ގުޅިފައިވާ އިސްމާއިލް އީސަ އާއި ގްރީން ސްޓްރީޓަށް ބަދަލުވި އަހުމަދު ރަޝީދު (އައްމަޑޭ) އަދި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އެ ޓީމުން ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އަށް މޮޅު ކުޅުމެއް ދެއްކި އަދި ކުރިން ނިއު ރޭޑިއަންޓަށް ވެސް ކުޅުނު އުއްމީދީ މިޑްފީލްޑަރު އަލީ ހައިޝަމް ގެނެސްފަ އެވެ.