08 މެއި 2023 - 18:02

އަމިއްލައަށް މަރުވާ މީހުންގެ ވާހަކަތަކާއި މަރުވާން މަސައްކަތް ކުރާ މައްސަލަތައް ނޫސްތަކުގައި ރިޕޯޓްކުރުމާ ދުރުހެލިވާން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެންސީ) އިން އިލްތިމާސް ކޮށްފި އެވެ.
އެ ކައުންސިލުން އެހެން ބުނީ ކުޑަކުއްޖަކު އަމިއްލައަށް މަރުވިކަމަށް ބުނާ މައްސަލައެއް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓު ކުރުމުންނެވެ.
އެމްއެމްސީ އިން ބުނީ ކުޑަކުދިން އަމިއްލައަށް މަރުވާ ހަބަރުތައް މީޑިއާގައި ރިޕޯޓް ކުރުމަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި މިފަދަ މައްސަލަތައް ރިޕޯޓް ކުރުމުން އެ ފަދަ މައްސަލަަތައް އިތުރުވާ ކަމަށް އެތައް ދިރާސާއަކުން ދައްކާފައިވާ ކަމަށެވެ.
އަދި އެފަދަ މައްސަލަތައް ރިޕޯޓް ކުރާއިރު މީޑިއާތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ބާރުއަޅާކަން ފާހަގަކުރި އެވެ.
ދިވެހި ނޫސްވެރިންގެ ކޯޑް އޮފް އެތިކްސްގައި ވެސް މިފަދަ ކަންކަން ޕްރޮމޯޓްނުވާ ގޮތަށް އަމަލުކުރަން އޮންނާތީ ޒިންމާދާރު ނޫސްވެރިކަމަށް އިސްކަންދީގެން ހަބަރުތައް ގެނެސްދިނުމަށް ހުރިހާ މީޑިއާތަކާއި ނޫސްވެރިންނަށް އެމްއެންސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފުލުހުން ވެސް މިއަދު ބުނީ އަމިއްލައަށް މަރުވާ ނުވަތަ އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތަކުގެ މައުލޫމާތު ހާމަ ނުކުރާނެ ކަމަށް ބުނެފަ އެވެ.