މެސީ ސައުދީ ލީގަށް ބަދަލުވުމުގެ ޑީލް އޮތީ ނިމިފައި: ރިޕޯޓް
މެސީ ސައުދީ ލީގަށް ބަދަލުވުމުގެ ޑީލް އޮތީ ނިމިފައި: ރިޕޯޓް

އާޖެންޓީނާއާ އެކު މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން ލިއޮނެލް މެސީ، އަންނަ ސީޒަނުގައި ސައުދީ އަރަބިއްޔާގެ ލީގަށް ބަދަލުވާން ނިންމާފައި ވާކަމަށް "އޭއެފްޕީ" ނިއުސް އެޖެންސީން ބުނެފި އެވެ.

"މެސީގެ ޑީލް އޮތީ ނިމިފައި. އަންނަ ސީޒަނުގައި އޭނާ ކުޅޭނީ ސައުދީ އަރަބިއްޔާގައި،" ކޮން ކްލަބެއްކަން ހާމަނުކޮށް، އޭއެފްޕީ އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ.

"ކޮންޓްރެކްޓް ވަރަށް ތަފާތު. ބޮޑު ކޮންޓްރެކްޓެއް އެއީ. އަހަރެމެން މިހާރު މި ފައިނަލް ކުރަނީ ކޮންތްރެކްޓުގެ ކުދިކުދި ތަފްސީލުތައް."

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރެވެ. ކޮންޓްރެކްޓް ހަމަވާނީ އަންނަ ޖޫން މަހުގެ 30 ގަ އެވެ. ނިމިދިޔަ ވޯލްޑް ކަޕަށް ފަހު އިތުރު އެއް އަހަރު ޕީއެސްޖީގައި މަޑުކުރަން މެސީ އަނގަބަހުން އެއްބަސްވެފައި ވިޔަސް ކްލަބާއި ކުޅުންތެރިޔާ ވެސް މިހާރު ކޮންޓްރެކްޓް އާކުރާކަށް ބޭނުމެއް ނުވެ އެވެ.

"އޭނާގެ ކޮންޓްރެކްޓް ކްލަބުން އާކުރަން ބޭނުން ނަމަ ކުރިން އެކަން ކޮށްފައި އޮންނާނީ،" ޕީއެސްޖީން މައުލޫމާތު ދިން ކަމަށް އޭއެފްޕީގައި ބުނެފައިވެ އެވެ.

ސައުދީ އަރަބިއްޔާގެ ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުގައި ވެސް ހުރި މެސީ، ކޮމާޝަލް ދަތުރެއްގައި ޕީއެސްޖީން ހުއްދަ ނުލިބި މި މަހު ސައުދީ އަށް ދިޔަ މައްސަލައިގައި ކްލަބުން ވަނީ ދެ ހަފްރާހެ މުއްދަތަކަށް އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ސަސްޕެންޑް ކޮށްފަ އެވެ. މެސީ ފަހުން އެކަމާ މާފަށް އެދިފައި ވާއިރު، ސަސްޕެންޝަނުގެ މުއްދަތު ހަމަނުވަނީސް އިއްޔެ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

މެސީގެ ވާދަވެރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަނީ އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައަކަށް ސައުދީ ޕްރޯ ލީގުގެ އައްނަސްރަށް ކުޅެމުންނެވެ. ދެ އަހަރުދުވަހުގެ މުއްދަތަކަށް، މިއަހަރުގެ ޖެނުއަރީ މަހު ނަސްރަށް ބަދަލުވި ރޮނާލްޑޯއަށް މުސާރައިގެ ގޮތުގައި 400 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަދަދެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

ސައުދީ ލީގުގައި ކުޅޭ، އޭޝިއާ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އަލް ހިލާލުން ވަނީ މީގެ މަހެއް ކުރިން މެސީއަށް އަހަރަކު 400 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އަލް ހިލާލް އަކީ މިއަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ރަނަރަޕް ޓީމެވެ. އަދި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ވެސް އެޓީމު ވަނީ ކޮލިފައި ވެފަ އެވެ.

ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރަށް، އޭއެފްސީ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން މިވަގުތު އޮތީ ހަނި ފުރުސަތެކެވެ. އެއީ ލީގުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.