14 މެއި 2023 - 22:54

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެއަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް އެއްވުމެއް ބާއްވައި، އެ މައްސަލަ ހިންގަމުން ދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެންދިއުމަށް ގޮވާލައި، ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އިމުގެ މައްސަލާގައި ޕީޕީއެމް އާއި ޕީއެންސީން އެހެން ސިޔާސީ ޕާޓީތަކާ އެކު ގުޅިގެން ހަދާފައިވާ ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ރާއްޖޭގެ ކަނޑުން ބައެއް" ސަރުކާރުން ގެއްލުވާލާފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޑުއުފުލުމުގެ ގޮތުން "މަސް ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ގެ ނަމުގައި އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެހެންވެ، ސިޔާސީ ހިޔާލު ތަފާތުވުން އޮތަސް، "ގައުމުން ބައެއް ވިއްކާލުމާ ދެކޮޅަށް" ނުކުތުމަށް އޭނާ ގޮވާލެއްވި އެވެ.
އެއާ އެކު އެ ކޯލިޝަނުން ވަނީ ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށް ވެސް ތައްޔާރުވެފަ އެވެ. އެ ޕެޓިޝަނުގައި ވަނީ ދިވެހި މަސްވެރިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 45،331 އަކަ މީޓަރު ދޫކޮށްލާފައިވާ ކަމަށާއި އެއީ ދިވެހި ރައްޔިތުންގެ ހައްގު ގާނޫނީ މުދަލަކުން ބޭރުގެ ބަޔަކަށް ސަރުކާރުން ނުހައްގުން ދޫކޮށްލި ސަރަހައްދެއް ކަމަސް ބުނެފަ އެވެ. އަދި އެކަން ގަބޫލު ނުކުރާނެ ކަމަށް ވެސް ޕެޓިޝަނުގައިވެ އެވެ.
އެ ޕެޓިޝަނުގައި ވަނީ އެ މައްސަލައިގެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް މޮރިޝަސްގެ ސަރުކާރަށާއި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް އަދި ކަމާ ބެހޭ އެހެން ފަރާތްތަކަށް އެންގުމަށެވެ. އެ މައްސަލަ އަލުން ބަލައިދިނުމުގެ އިޓްލޮސްއަށް ހުށަހެޅުމުގެ އިތުރުން ރާއްޖޭގެ ގާނޫނުން ކަނޑައަޅާފައިވާ 200 ނޯޓިކަލް މޭލު ހޯދުމުގެ މަސައްކަތްކުރުމާއި އެ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ގައި ރައީސް، މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އަނބުރާ ގެންދެވުމަށް ޕެޓިޝަނުގައިވެ އެވެ.
އެ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރަަން ފަށައި އެ ކޯލިޝަނުން ވަނީ ގިނަ ބަޔަކު އެ ޕެޓިޝަނުގައި ސޮއިކޮށް، "ގައުމުން ވިއްކާލި ބައި ހޯދުމަށް" މަސައްކަތް ކުރުމަށް އެދިފަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރޔ އުމަރު ނަސީރު ވިދާޅުވީ، ކަނޑުން ބައެއް ދޫކޮށްލުމުގެ ބާރަކީ މަޖިލީހުގެ މަޝްވަރާއެއް ނެތި ރައީސަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އެހެންވެ އެ ނިންމުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދެން އަންނަ ސަރުކާރެއްގައި މި މައްސަލަ ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސަކަށް ނެތް ރާއްޖޭގެ ފަސްގަނޑުން ރާއްޖޭގެ ކަނޑުން އެންމެ ތަންކޮޅެއް ވެސް ދޫކޮށްލުމުގެ އިހުތިޔާރެއް. އެހެންވީމާ އެ މަނިކުފާނު އެ ނިންމެވި ނިންމެވުމަކީ ގައިރުގާނޫނީ ނިންމެވުމެއް،"
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ކަނޑުން ބައެެއް ދޫކޮށްލުމަށް ފަހު އެކަމުގައި "ދެން ކުރެވޭނެ ކަމެއް ނޯންނާނެ" ކަމަށް ދޭހަވާ މޭރުމުން ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުންދިޔަ ނަމަވެސް އަދިވެސް އެކަމުގައި ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ.
މުނައްވަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ރާއްޖޭގެ ގައުމިއްޔަތު އޮޅުމާއި ގައުމާ މެދު ވިސްނާ މީހުންގެ އަދަދު މަދުވުން ކަމަށެވެ. ވެރިކަމުގައި މިހާރު އޮތީ ގައުމިއްޔަތުގެ އެއްވެސް ކަންފުޅެއް ނެތް ބައެއް ކަމަށް ވިދާޅުވެ މުނައްވަރު ވަނީ ދިވެހިން މަސްބާނާ ތަނަކުން ބައެއް ދޫކޮށްލީ ހަމަ އެއްވެސް ވިސްނުމެއް ނެތި ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތް ފަށާއިރު ބަލާކަށް ނުޖެހޭ އަޅުގަނޑުމެންގެ މަސްލަގަތު ފިޔަވައި އެހެން މަސްލަހަތަކަށް. ރާއްޖޭގެ ސިޔާސަތަކަށް އަބަދުވެސް ވާންޖެހޭނީ ފުރަތަމަ ދިވެހިރާއްޖެ ކަމަށް."
އެ މައްސަލާގައި އެމްއެންޕީގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ އިމުގެ މައްސަލާގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް އެ ޕާޓީން ވެސް ގަބޫލުކުރާ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ކޮންމެ ޕާޓީއަކުން މަސައްކަތްކުރިޔަސް އެމްއެންޕީގެ އެއްބާރުލުން އެކަމުގައި ލިބޭނެ ކަމަށާއި އެ މައްސަލާގައި ބާއްވާ އެއްވުމުގައި ބައިވެރިވާން ގޮވާލެއްވި އެވެ.
މޮރިޝަސް އާއި ރާއްޖޭގެ އިން ފުށުއަރާ ބައި ބެހުމުގެ މައްސަލަ ނިމުނީ މޮރިޝަސް އަށް ލިބުނު ވަރަށް ވުރެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެން ކަމަށް ވާތީ ސަރުކާރުން އަންނަނީ މިއީ ކާމިޔާބީއެއް ކަމަށް ބުނަމުންނެވެ. މިކަމުގައި ހިމާޔަތްކުރީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށާއި އެއްވެސް ކަމެއް ގޯހުން ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.