15 މެއި 2023 - 11:35

ލަންޑަން (މެއި 15) - ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް، އާޖެންޓީނާ މައުރީސިއޯ ޕޮޗެޓީނޯ ގެންނަން އެ ކްލަބުން ނިންމައިފި އެވެ.
ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ މިދިޔަ މާޗު މަހު ގްރަހަމް ޕޮޓާ މަގާމުން ވަކިކުރުމުންނެވެ. ޕޮޓާ ވަކިކޮށް ސީޒަން ނިމެންދެން ޗެލްސީގެ ވަގުތީ ކޯޗުކަން ކުރަމުން އަންނަނީ އެ ކްލަބުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް އެވެ. އެކަމަކު ލަމްޕާޑުގެ ވަގުތީ މުއްދަތުގައި ވެސް ޗެލްސީގެ ނަތީޖާތައް ދަށެވެ.
ކުރިން ސައުތެމްޓަން އާއި ޓޮޓެންހަމް ހޮޓްސްޕާ އަށް އިރުޝާދުދިން ޕޮޗެޓީނޯ އެންމެ ފަހުން ހުރީ ފްރާންސްގެ ޕީއެސްޖީގެ ކޯޗުކަމުގަ އެވެ. އެ ކްލަބުން ޕޮޗެޓީނޯ މިދިޔަ ސީޒަނަށް ފަހު ވަކިކުރުމުން ކޯޗިންގެ އިތުރު މަސައްކަތެއް ޕޮޗެޓީނޯ ނުކުރެ އެވެ.
އާޖެންޓިނާ އަށް އުފަން 51 އަހަރުގެ ޕޮޗެޓީނޯ ވަނީ ފަސް އަހަރު ދުވަހު ޓޮޓެންހަމަށް އިރުޝާދުދީ 2019 ވަނަ އަހަރު އެޓީމު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ. ފައިނަލުގައި ބަލިވީ ލިވަޕޫލް އަތުންނެވެ.
ޕޮޗެޓީނޯ ވާނީ މިދިޔަ ފަސް އަހަރުތެރޭ ޗެލްސީ އިން ހަމަޖައްސާ ދާއިމީ ހަ ވަނަ ކޯޗަށެވެ. މި ސީޒަނުގެ ކުރީކޮޅު ޗެލްސީގެ ކޯޗުކަން ކުރީ މިހާރު ބެޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް އެވެ. ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީ އިން 2021 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.
މި ސީޒަން ޗެލްސީ އިން ނިންމާލާނީ ތައްޓެއް ނުލިބި އެވެ. އަދި އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތަކުން ވެސް ޗެލްސީ އަށް ފުރުސަތެއް ނެތެވެ. ލީގުގައި ކުޅުނު 35 މެޗުން ލިބުނު 43 ޕޮއިންޓާ އެކު އެޓީމު އޮތީ 11 ވަނައިގަ އެވެ.
ޗެލްސީ އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވީ ރަށުން ބޭރުގައި ބޯންމަތު އަތުން އެކަންޏެވެ. މި މުއްދަތުގައި އަށް މެޗުން ބަލިވިއިރު އެއްވަރުވީ ދެ މެޗެވެ.
މި ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕުން ޗެލްސީ ކެޓީ މެންޗެސްޓާ ސިޓީ އަތުން ބަލިވެގެންނެވެ. ޗެމްޕިއަންސް ލީގުން ކެޓީ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާ ވާދަކޮށެވެ.