އިރުޝާންގެ މަރާ ގުޅުންހުރި ދައުވާއެއް ސާބިތުވި މީހަކު 27 ދުވަހަށް ޖަލަށް
އިރުޝާންގެ މަރާ ގުޅުންހުރި ދައުވާއެއް ސާބިތުވި މީހަކު 27 ދުވަހަށް ޖަލަށް

މިދިޔަ ޖޫން މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި އަހުމަދު އިރުޝާންގެ މަރާ ގުޅުން ހުރި މާރާމާރީއެއްގައި ބައިވެރިވި މީހަކު 27 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު މާލޭގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އުމުރުން 14 އަހަރުގެ އިރުޝާން މަރުވި މައްސަލައާ ގުޅުން ހުރި ދައުވާއެއް ސާބިތުވެގެން ޖަލު ހުކުމް އައީ މ. ޖެރޭނިއަމް މުހައްމަދު ޖިނާދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އެހާ ކުޑަ އަދަބެއް އައީ އޭނާ ކުރިކަން ސާބިތުވި އަމަލާއި އޭނާގެ މައްޗަށް އުފުލި ދައުވާގެ ގޮތުންނެވެ.

ޖިނާދުގެ މައްޗަށް ދައުލަތުން އުފުލީ އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން އެ މާރާމާރީގައި ޖިނާދު ކުރި ކަމަކީ ޕިކަޕެއްގެ ތެރޭގައި ތިބި ކުދިންތަކަކާ މެދު، ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކުރުމެވެ.

އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމަށް ގާނޫނުލް އުގޫބާތުގައި އޮންނަ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށްލުމެވެ. އެކަމަކު ޖިނާދު ކޯޓުގައި ކުށަށް އިއުތިރާފްވެފައިވާތީ ގާނޫނުލް އުގޫބާތު އޮތްގޮތުން އޭނާގެ އަދަބު އެއަށް ވުރެ ވެސް ލުއިވީ އެވެ.

އިރުޝާންގެ މަރާ ގުޅިގެން އިތުރު ތިން ކުއްޖަކަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. ޖުވެނައިލް ކޯޓުގައި ޝަރީއަތް ހިނގަމުންދާ އެ ތިން ކުދިންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ ކުދިންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ބޮޑު އަދަބެއް އަންނާނެ އެވެ.