ވެލްޑަރުންނަށް ވުމުގެ ފުރުސަތު އެމްޓީސީސީން ހުުޅުވާލައިފި
ވެލްޑަރުންނަށް ވުމުގެ ފުރުސަތު އެމްޓީސީސީން ހުުޅުވާލައިފި

އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން ވެލްޑަރުންނަށް ވާން ބޭނުންވާ މީހުން ހޮވަން އޯޕަން ޑޭ ސެޝަންތަކެއް ފަށައިފި އެވެ.

އެ ސެޝަންތައް ކުރިއަށް ގެންދަނީ ލ އަތޮޅާއި އައްޑު އާއި ފުވައްމުލަކުގަ އެވެ. އޭގެ ތެރެއިން ލ އތޮޅުގެ ފުރަތަމަ ސެޝަން އިއްޔެ ވަނީ ލ. ފޮނަދޫގައި ބާއްވައިފަ އެވެ.

ވެލްޑަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުން މިއަދު ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތީ ލ. މާބައިދު އާއި އިސްދޫ ކަލައިދޫގަ އެވެ. މި ސެޝަންތައް މި މަހުގެ 26 އިން 27އަށް އައްޑޫ ހިތަދޫ، ފޭދޫ، ހުޅުމީދޫ އަދި ފުވައްމުލަކުގައި އޮންނާނެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި ވެލްޑިން ތަމްރީނު ދޭން ނިންމީ އެ ކުންފުނީގެ އިންޖިނިއަރިން އެންޑް ޑޮކިން ޑިވިޝަނަށް ބޭނުންވާ ވެލްޑަރުން ހޯދުމަށެވެ. އެގޮތުން އެ ޕްރޮގުރާމުގެ ތެރެއިން "ވެލްޑާ - ހުނަވަރު ޓްރޭނީ" މަގާމުގެ 15 ވެލްޑަރުން ތަމްރީނުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ޕްރޮގުރާމަށް ކުރިމަތިލާ ބައިވެރިންނަކީ ދުޅަހެޔޮ އަދި 25 އަހަރު ނުފުރޭ މީހުންނަށް ވާން ޖެހެ އެވެ.

އެމްޓީސީސީން ބުނީ މި ޕްރޮގުރާމަށް ބައިވެރިން ހޮވުމުގައި ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީން ފާސްވެފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށެވެ. ޕްރޮގުރާމުގެ ބައިވެރިންނަށް 5،000ރ. ގެ އެޕްރެންޓިސްޝިޕަކާއި 3،000ރ.ގެ އެކޮމަޑޭޝަން އެލަވަންސެއް ދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ވެލްޑިން ޓްރޭނިން އޮންނާނީ ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ބޯޓުޔާޑްގަ އެވެ.