25 މެއި 2023 - 11:22

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލައިފި އެވެ.

ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލައިފައި ވަނީ އިއްޔެ އެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "މިހާރު" އަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލީ މި ވަގުތަށް ކަމަށެވެ.
"މަޖިލިސް ލައިވް ކުރާއިރު އަޅުގަނޑުމެންނަށް އޭގެ ކޮންޓްރޯލެއް ނޯންނާނެ އެ ދައްކާ ވާހަކައަކަށް. އަޅުގަނޑުމެން އެންމެން މަޝްވަރާކޮށްފައި ނިންމީ މި ވަގުތަށް ލައިވް ކުރުން ހުއްޓާލަން. މަޖިލީހުގެ ބަހުސްތައް މާ ހޫނު ވީމަ، ބޭނުންކުރާ ބަސްތަކާ މިކަހަލަ ކަންކަމަށް ބަލައިފައި،" އަލީ ވިދާޅުވި އެވެ.
މަޖިލިސް ޖަލްސާތައް ލައިވްކުރުމުގެ ބަދަލުގައި ޕީއެސްއެމްއިން ދެން ގެނެސްދޭނީ އެ ޖަލްސާތަކާ ބެހޭ ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމްތަކުގައި މުޅި މަޖިލީހުގެ ކަވަރޭޖް ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޕްރޮގްރާމް ގެނެސްދޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރަށް ވުރެ ވެސް މާ ހޫނުވެގެން ދިޔަ އިރު މީގެ ކުރިން ވެސް ލައިވް ކުރަމުން ގެންދިޔަ އެވެ. އަދި ބައެއް އެހެން ޗެނަލްތަކުން ކުޑަ ޑިލޭއަކާ ވެސް މަޖިލިސް ލައިވް ކުރަމުން ގެންދިޔަ އެވެ.
އެހެން އެގޮތަށް ނުވާނެތޯ ދެންނެވުމުން އަލީ ހާލިދު ވިދާޅުވީ ސްޓޭޓް މީޑިއާގެ ގޮތުގައި ޒިންމާތަކެއް އޮންނަ ކަމަށެވެ. ތަފުސީލަކަށް ވަޑައެއްނުގަންނަވަ އެވެ.
"އަޅުގަނޑުމެން މަޖިލިސް ދެއްކުން ހުއްޓާލީއެއް ނޫން. ޕްރޮގްރާމެއްގެ ގޮތުގައި މަޖިލިސް ހަމަ ގެނެސްދޭނެ. އެކަމަކު އެއީ ލައިވްކޮށެއް ނޫން،" އަލީ ވިދާޅުވި އެވެ.