29 މެއި 2023 - 10:19

މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް 100 ޖީބީ ލިބޭ ތިން ދުވަހުގެ ލިމިޓެޑް އޮފާއެއް ދިރާގުން ތައާރަފްކުރި އެވެ. އެއީ ކަސްޓަމަރުންގެ ފަރާތުން މިހާތަނަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނު އެއް އޮފާ އެވެ. ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓްފޯމުތަކުގައި ގިނަ ވަގުތުތައް ހޭދަކުރާ މީހުންނަށް އެއީ ރަނުގެ ފުރުސަތަކަށް ވި އެވެ. އެކަމަކު، ކަސްޓަމަރުންގެ ޝަކުވާއެއް އޮތެވެ. އެއީ މާ ބޮޑަށް ވެސް އެ އޮފާގެ މުއްދަތު ކުރުވުމެވެ.
އެހެންވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ހެޔޮ އަގުގައި 100 ޖީބީ ލިބޭނެ އޮފާތަކެއް ދިރާގުން މިހާރު ތައާރަފު ކޮށްފި އެވެ. އެ އޮފާތަކުގެ ތެރޭގައި އެކި އަގުތަކުގެ އެކި މުއްދަތަށް ބޭނުން ކުރެވޭ ޕެކްތަކެއް ވަނީ ހިމަނައިފަ އެވެ.
ދިރާގުގެ 100 ޖީބީ ޑޭޓާ ލިބޭ ޕެކްތަކުގެ ތެރޭގައި ހިމެނެނީ:
- ތިން ދުވަހަށް 100 ޖީބީ ލިބޭ 100ރ. ގެ ޑޭޓާ ޕެކް.
- ހަތް ދުވަހަށް 100 ޖީބީ ލިބޭ 225ރ. ގެ ޕެކް.
- 14 ދުވަހަށް 100 ޖީބީގެ ޑޭޓާ 400ރ. އަށް ލިބޭ ޑޭޓާ ޕެކް.
- 21 ދުވަހަށް 100 ޖީބީ ޑޭޓާ 550ރ. އަށް ލިބޭ ޕެކް.
- 30 ދުވަހަށް 100 ޖީބީގެ ޑޭޓާ 750ރ. އަށް ލިބޭ ޕެކް.
"މިއީ ހުރިހާ ޕްލެޓްފޯމަކަށް ވެސް ބޭނުން ކުރެވޭނެ ޑޭޓާ ޕެކްތަކެއް. ސްޓްރީމްކޮށް، ގޭމް ކުޅެ، ބޭނުން ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ވެސް މި ޕެކްތައް ނަގައިގެން ބޭނުން ކުރެވޭނެ. މި ފަދަ ބޮޑު ޕެކެއް މި ތައާރަފް ކުރީ ހުރިހާ ކަމަކަށް ވެސް ބޭނުން ކުރެވޭނެ ސަތޭކައިގެ ޕެކްތަކެއް،" ދިރާގުގެ އެސިސްޓަންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ތައާރަފް ކުރާ އޮފާތަކާއި ޕެކޭޖުތަކަކީ ކަސްޓަމަރުން އެދޭ ޑިމާންޑުތަކަށް ފަރުމާކޮށްފައިވާ ޕެކުތަކަކަށް ހެދުން ކަމަށެވެ. ހެޔޮ އަގުތަކެއްގައި ކަސްޓަމަރުންނަށް ހިދުމަތްތަށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުގެ އާ ޑޭޓާ ޕެކްތައް ވެސް އެސްއެމްއެސް އަދި ދިރާގު މޮބައިލް އެޕް މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ އެވެ.