ދުނިޔޭގެ 10 ޕަސެންޓް މީހުން ހައިހޫނުކަމުގައި
ދުނިޔޭގެ 10 ޕަސެންޓް މީހުން ހައިހޫނުކަމުގައި

ދުނިޔެ ސިނާއީ ގޮތުން ކިތަންމެ ކުރިއަރައި، ދަނޑުވެރިކަމާއި މަސްވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ކިތަންމެ އިތުރުވެފައި ވިޔަސް، މިދިޔަ އަހަރުވެސް ދުނިޔޭގެ ޖުމްލަ އާބާދީގެ މަދުވެގެން 10 ޕަސެންޓް މީހުން ދިރިއުޅުނީ ހައިހޫނުކަމުގަ އެވެ. އެއީ އޭގެ ކުރީ އަހަރު އެ ނިސްބަތް ހުރި މިންވަރާ އަޅައި ބަލާއިރު ގާތްގަނޑަކަށް 46 މިލިއަން މީހުން ގިނަ މިންވަރެކެވެ.

އދ.ގެ ކާނާއާ ބެހޭ އިދާރާ، ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ބުނާ ގޮތުގައި ހައިހޫނުކަމުގައި އުޅެންޖެހިފައިވާ މީހުންގެ ގާތްގަނޑަކަށް ތިން ބައިކުޅަ ދެ ބައި މީހުންނަކީ އަންހެނުންނެވެ. އަދި ހައިހޫނުކަމަށް ހުށަހެޅިފައިވާ މީހުންގެ ގާތްގަނޑަކަށް 80 ޕަސެންޓް މީހުން މިވަގުތު ދިރިއުޅެމުން އަންނަނީ، މޫސުމީ ބަދަލުތަކުގެ ގެއްލުންތައް ކުރިމަތިވެފައިވާ ސަރަހައްދުތަކުގަ އެވެ.

ދިގު މުއްދަތަކަށް ހައިހޫނުކަމުގެ ތެރޭގައި އުޅެން ޖެހިފައިވާ މީހުންގެ މެދުގައި ސިއްހީ އިތުރު މައްސަލަތައް ވެސް ދަނީ ފެތުރެމުންނެވެ. އެފަދަ ސިއްހީ މައްސަލަތައް މެދުވެރިވުމުން، އެމީހުންގެ އުމުރުގެ ބޮޑުބައެއްގައި އެކަމުގެ ތަކުލީފު އުފުލަންޖެހޭ ގޮތް މެދުވެރިވާ ނިސްބަތް ވެސް މިހާރު ވަރަށް މައްޗެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2005 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް، ހައިހޫނުކަމުގެ ނިސްބަތް ދިޔައީ އަހަރުން އަހަރަށް ދަށަށެވެ. އެފްއޭއޯ އިން ބުނި ގޮތުގައި 2013 ވަނަ އަހަރު ހައިހޫނުކަމުގައި އުޅެން ޖެހުނު މީހުންގެ އަދަދަކީ 570.7 މިލިއަން މީހުންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު އެ އަދަދު 588.6 މިލިއަނަށް މަތިވުމަށް ފަހު، އަނެއްކާ ވެސް 2017 ވަނަ އަހަރާ ހަމައަށް ދިޔައީ ދަށަށެވެ.

އޭގެ ފަހުން އަނެއްކާ ވެސް، ހައިހޫނުކަމުގެ ނިސްބަތް މަތިވާން ފެށި އެވެ. އެ ގޮތުން 2018 ވަނަ އަހަރު އެ އަދަދު 590 މިލިއަނަށް އުފުލި، 2019 ވަނަ އަހަރު އެ އަދަދު 618.4 މިލިއަނަށް އިތުރުވި އެވެ. އަދި 2019 ވަނަ އަހަރުގެ ފަހުކޮޅު ކުރިމަތިވި ކޮވިޑް ވަބާގެ ތެރޭގައި މުޅި ދުނިޔޭގެ އިގްތިސާދު ދަށްވެ، ހައިހޫނުކަމުގައި އުޅެންޖެހިފައިވާ މީހުންގެ އަދަދު، 2020 ވަނަ އަހަރު 721.7 މިލިއަނަށް އިތުރުވި އެވެ. އަދި 2021 ވަނަ އަހަރު ނިމުނު އިރު އެ އަދަދު ހުރީ 828 މިލިއަނަށް އިތުރުވެފަ އެވެ.

އެ ޖަމިއްޔާ އިން ބުނާ ގޮތުގައި މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، އާންމު ގޮތެއްގައި ބޭނުންކުރާ ކާނާގެ ބާވަތްތަކުގެ އަގުތައް ވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އުފުލިފަ އެވެ. އެފްއޭއޯގެ ފުޑް އިންޑެކްސް ޕްރައިސް އަށް ބަލާއިރު، 2019 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެދު، ހަކުރު، އެއްގަމު މަސް، ގޮވާމުގެ ބާވަތްތައް، ކިރުގެ އުފެއްދުންތައް އަދި ތަރުކާރީ ތެލުގެ އަގުތައް ވަނީ 95.1 ޕޮއިންޓުން 143.7 ޕޮއިންޓަށް އުފުލިފަ އެވެ.

އދ. މަޖިލީހުން ޝާއިއުކުރާ ސްޓޭޓް އޮފް ފުޑް ސެކިއުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް ރިޕޯޓްގައި ބުނެފައިވާ ގޮތުން، މުޅި ދުނިޔޭގެ ނިސްބަތުން ވެސް ހައިހޫނުކަމުގެ ހާލަތުގައި އެންމެ ގިނަ މީހުން އުޅެމުން ދަނީ އޭޝިޔާ ސަރަހައްދުގަ އެވެ. އެ ގޮތުން 2021 ވަނަ އަހަރު ވެސް އޭޝިޔާގެ ގައުމުތަކުގައި، ހައިހޫނުކަމުގައި އުޅުނު މީހުންގެ އަދަދު 425 މިލިއަނަށް ވުރެ މަތި ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ނަމަވެސް އާބާދީގެ ނިސްބަތުން ބަލާނަމަ، 2021 ވަނަ އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ހައިހޫނުކަމުގެ ތެރެއަށް ވެއްޓުނީ އެފްރިކާ ސަރަހައްދުންނެވެ. އެ ސަރަހައްދުގެ 278 މިލިއަން މީހުން އެ އަހަރުގެ ތެރޭގައި ހައިހޫނުކަމާ ކުރިމަތިލާންޖެހުނެވެ.