09 ޖޫން 2016 - 17:39

ރަސްފަންނު ސަރަހައްދު ފިޔަވައި މާލޭގެ އެހެން އެއްވެސް ސަރަހައްދެއްގައި ޑްރޯން ބޭނުންކުރުން މަނާކޮށް، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓްކުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީގެ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ސިފައިން ސެކިއުރިޓީ ބަލަހައްޓާ ބައެއް ސަރަހައްދު ތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން އޮޕަރޭޓް ކުރުން އާންމުވެފައިވާ ކަމަށެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި އަދި އެއާޕޯޓްތައް ކައިރީގައި މިފަދަ ތަކެތި އޮޕަރޭޓް ކުރާ ނަމަ އާންމު އަދި ގައުމީ ސަލާމަތަށް ވެސް ނުރައްކާވެ، ނުރައްކާތެރި ހާދިސާއެއް ހިނގުމަށް މަގުފަހިވެދާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ޑިފެންސް މިނިސްޓްރީން އަންގާފައި ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މިފަދަ ތަކެތި އޮޕަރޭޓް ކުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދުމަށެވެ.
އެ އިއުލާނުގައިވާ ގޮތުން ޑްރޯން ފަދަ ތަކެތި އޮޕަރޭޓް ކުރުން މަނާ ސަރަހައްދުތަކަކީ ރަސްފަންނު ސަރަހައްދު ފިޔަވައި، މާލޭގެ އެހެން ހުރިހާ ސަރަހައްދަކާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީ އެއާޕޯޓްތައް ހިމެނޭ ސަރަހައްދުތަކާއި ކ. އާރަށާއި، ގިރިފުށި، އަދި ސިފަވަރު (އުތުރު ތިލަފަޅު) ހިމެނޭ ސަރަހައްދެވެ. މީގެ އިތުރުން ޅ. މަޑިވަރު، މާފިލާފުށި ހިމެނޭ ސަރަހައްދާއި ލ. ކައްދޫ ސިފައިންގެ މަރުކަޒު ހިމެނޭ ސަރަހައްދުގެ އިތުރުން ސ. ގަން ސިފައިންގެ މަރުކަޒު ހިމެނޭ ސަރަހައްދުގައި ވެސް ޑްރޯން ފަދަ ތަކެތި، ޑިފެންސް މިނިސްޓްރީގެ ހުއްދައަކާއި ނުލައި އޮޕަރޭޓް ކުރުން އެ މިނިސްޓްރީއިން ވަނީ މަނާކޮށްފަ އެވެ.
މިގޮތަށް ނިންމީ ސިފައިންގެ ގާނޫނު ގެ ހަތް ވަނަ މާއްދާގެ ވ. ގައި، ގައުމީ ސަލާމަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މައުލޫމާތު ހޯދައި، އެއްކޮށް، ދިރާސާކޮށް، އެކަންކަމާ ބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި ވާތީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.