އަމާޒަކީ ހީޓަކަށް ފަހު ހީޓެއް ކާމިޔާބުކޮށް ކުރިއަށް ދިއުން: ސާފިން ކޯޗު
އަމާޒަކީ ހީޓަކަށް ފަހު ހީޓެއް ކާމިޔާބުކޮށް ކުރިއަށް ދިއުން: ސާފިން ކޯޗު

އެލް ސަލްވަޑޯ ގައި މިއަދު ފަށާ އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ގެ މި އަހަރުގެ ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ އަމާޒަކީ ހީޓަކަށް ފަހު ހީޓެއް ގިރާކޮށްގެން ކުރިއަށް ދިޔުން ކަމަށް، ސާފިން ޓީމުގެ ކޯޗު، ދެކުނު އެފްރިކާގެ ކްލައިޑް މާޓިން ބުނެފި އެވެ.

އަމާޒަކީ ހީޓަކަށް ފަހު ހީޓެއް ކާމިޔާބުކޮށް ކުރިއަށް ދިއުން: ސާފިން ކޯޗު
އަމާޒަކީ ހީޓަކަށް ފަހު ހީޓެއް ކާމިޔާބުކޮށް ކުރިއަށް ދިއުން: ސާފިން ކޯޗު

ޕެސިފިކް ކަނޑުން އުތުރު އެމެރިކާގައި އޮންނަ އެލް ސަލްވަޑޯގައި ބާއްވާ ދުނިޔޭގެ ޗެމްޕިއަންކަން ކަނޑައަޅާ މި މުބާރާތް ރޭ ވަނީ ފަށައިފަ އެވެ. ފުރަތަމަ ބުރުގެ ހީޓްތައް ފަށާނީ މިރެ އެވެ.

އަމާޒަކީ ހީޓަކަށް ފަހު ހީޓެއް ކާމިޔާބުކޮށް ކުރިއަށް ދިއުން: ސާފިން ކޯޗު
އަމާޒަކީ ހީޓަކަށް ފަހު ހީޓެއް ކާމިޔާބުކޮށް ކުރިއަށް ދިއުން: ސާފިން ކޯޗު

އެގޮތުން ރާއްޖޭގެ ރާޅާއެޅުންތެރިއަކަށް އެންމެ ފުރަތަމަ އޮތީ، މިދިޔަ އަހަރުގެ ގައުމީ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) ވާދަކުރާ ހީޓެވެ. ފުރަތަމަ ބުރުގެ 11 ވަނަ ހީޓުގައި އަންމަޑޭ ވާދަކުރާނީ މެކްސިކޯގެ ސަބެސްޓިއަން ހެނާންޑޭޒް އާއި ނެދަލެންޑްސްގެ ކެސްޕާ ހަމިންގާ އަދި އިންޑިއާގެ ސަންޖޭ ސެލްވަމާނީ (ސިވަރާޖު ބާބޫ) އާ އެވެ.

"އުންމީދުތައް މަތިވުމަކީ ގޯހެއް ނޫން. މިއީ ސާފިންގެ ތާރީހުގައި ވެސް ބޭއްވޭ އެންމެ އުނދަގޫ މުބާރާތް. އާދަޔާ ހިލާފަށް މޮޅު ރާޅާ އެޅުންތެރިން މި މުބާރާތުގައި ވާދަ ކުރަނީ. އަހަރެމެން ފޯކަސް ކުރާނީ، ހީޓަކަށް ފަހު ހީޓެއް ކުރިއަށް ދާން،" މުބާރާތުގައި ރާއްޖޭގެ ޓާގެޓާ ގުޅޭގޮތުން ކޯޗު ބުންޏެވެ.

"އަހަރެމެން ލަނޑުދަނޑިއަކަށް ވާނީ ކޮންމެ ދުވަހަކު އޮންނަ ހީޓުން ނަތީޖާ ނެރެވޭތޯ މަސައްކަތް ކުރުން. ފުރަތަމަ ބުރުގައި މި ތިބީ އަހަރެމެންގެ ތިން ރާޅާއެޅުންތެރިން. މިއަދު އަންމަޑޭ ވާދަކުރާނެ 11 ވަނަ ހީޓުގައި. އުންމީދަކީ ހީޓުގެ ގަދަ ދޭއްގައި ހިމެނިގެން ކުރިއަށް ދިޔުން. ޖެހިގެން އަންނަ ދުވަހު ހޫބްޒް އާއި ސްމައިލީ އަށް ވެސް އޮންނާނީ އެކަންތައް."

ފުރަތަމަ 24 ހީޓު މިރޭ ކުރިއަށް ގެންގޮސް، ބާކީ ހީޓުތައް ކުރިއަށް ގެންދާނީ މާދަމާ ރެއެވެ. އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ހޫދު އަހުމަދު (ހޫބްޒް)، 39 ވަނަ ހީޓުގައި ނުކުންނާނީ މެކްސިކޯގެ ޖޮނަތަން ކޯޒޯ އާއި ނެދަލެންޑްސްގެ ޓޮމް ބޮއެލްސްމާ އަދި އިންޑިއާގެ އަޖީޝް އަލީ އާ ދެކޮޅަށެވެ. އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލާޝިޕްގައި ތަމްރީނުތައް ކުރަމުންދާ ކުޅަދާނަ ރާޅާއެޅުންތެރިޔާ އިސްމާއިލް ރަޝީދު (ސްމައިލީ) ހީޓް 43 ގައި ވާދަކުރާނީ، މެކްސިކޯގެ އެލަން ކްލީލެންޑް އާއި ނެދަލެންޑްސްގެ ބޭރިކް ޑިވްރީސް އާއި އިންޑިއާގެ ރަމޭޝް ބުދިހާލް އާ ދެކޮޅަށެވެ.

ހޫބްޒް އާ އެއް ހީޓެއްގައި ވާދަކުރާ ޖޮނަތަން ކޯޒޯ އަކީ 2017 ވަނަ އަހަރުގެ އައިއެސްއޭ ވޯލްޑް ޗެމްޕިއަނެވެ. އަންމަޑޭއާ އެއް ހީޓެއްގައި ރާޅާއަޅާ ކެސްޕާ ހަމިންގާ އަކީ ނެދަލެންޑްސްގެ ގައުމީ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ރާޅާއެޅުންތެރިއެކެވެ. އަދި ހޫބްޒް އާއެކު ވާދަކުރާ ޓޮމް ބޮއެލްސްމާ ވެސް ވަނީ ނެދަލެންޑްސްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ހޫބްޒް އާއެކު ވާދަކުރާ އަޖީޝާ އަލީ، އިންޑިއާގެ ގައުމީ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައި ވާއިރު ސްމައިލީ އާއެކު ވާދަކުރާ ރަމޭޝް ބުދިހާލް ވަނީ އިންޑިއާގެ ގައުމީ ޗެމްޕިއަންކަން ހަ ފަހަރު ހޯދައިފަ އެވެ.

ކޯޗު ކްލައިޑް މާޓިން ބުނީ، އެލް ސަލްވަޑޯގެ މޫސުމާއި ފިނިހޫނުމިން ރާއްޖެއާ އެއްގޮތް ވުމަކީ ރާއްޖޭގެ އެތުލީޓުންނަށް އޮތް ހިތްހަމަޖެހުމެއް ކަމަށެވެ. ނަމަވެސް ރާޅުގެ ކޮންޑިޝަން ރާއްޖެއާ ތަފާތު ވެފައި ވަރުގަދަ ވާނެކަން ކޯޗު ފާހަގަ ކުރި އެވެ.

"އެއްގޮތަކުން އަހަރެމެން ވަރަށް ނަސީބު ގަދަ، އެއީ މޫސުމާއި މޫދުގެ ފިނިހޫނުމިން ވެސް ރާއްޖެއާ ދާދި އެއްގޮތް. އެހެންވެ އެއްވެސް މީހަކު އިކުއިޕްމްންޓް ބަދަލުކުރާކަށް ވެސް ނުޖެހޭ،"

"އެހެން ވިއަސް މިތާނގައި ރާޅު ވަރަށް ތަފާތު. މިއީ ޕެސިފިކް ކަނޑު. މި ރާޅުތައް އެތައް ހާސް މޭލަކަށް ދަތުރު ކުރޭ. އަދި ރާޅުތައް ބާރުވެސް ގަދަވާނެ. އެކަމު ރާއްޖެއާ އެއްގޮތް އެއް ކަމަކީ މިތާ އެލް ސަލްވަޑޯ ގައި ވެސް ރީފް ބްރޭކެއް މި އިންނަނީ. އެތުލީޓުން ތިބީ، އެ މީހުންނަށް ލިބޭ ވަގުތުކޮޅުތެރޭ ޖަޖުންނަށް އެމީހުންގެ ހުނަރު ދައްކާލަން ތައްޔާރަށް."

މީގެ ކުރިން 2019 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ވޯލްޑް ސާފިން ގޭމްސްގައި ވެސް ދިވެހި ޓީމު ވާދަކުރި އެވެ. އަންމަޑޭ އާއި ސްމައިލީ ވަނީ އެ މުބާރާތުގައި ވެސް ވާދަ ކޮށްފަ އެވެ. އެ މުބާރާތުގައި ދެން ވާދަކުރި ރާއްޖޭގެ ރާޅާއެޅުންތެރިއަކީ ހުސެއިން އަރީފް (އިބޫ) އެވެ. މިއަހަރުގެ އައިއެސްއޭ ވޯލްޑް ސާފިން ގޭމްސް ކުރިއަށް ދާނީ ޖޫން 7 ގެ ނިޔަލަށެވެ.