02 ޖޫން 2023 - 16:18

ސ. މަރަދޫގައި އިއްޔެ ރޭ ހިންގި މާރާމާރީއެއްގައި ބޭބެއަށް ހަމަލާދީ މަރާލި، ހުސެއިން މަވާޒު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން މަވާޒު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ، އޭނާގެ ބޭބެ، އަހުމަދު ޝުއައިބް މަރާލުމަށް ފަހު، އަމިއްލައަށް އައްޑޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުންނެވެ.
ފުލުހުން ބުނީ އުމުރުން 25 އަހަރުގެ މަވާޒުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް އެ މައްސަލައިގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
އެކަމަކު އެރަށުން "މިހާރު" އަށް ކުރިން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ބޭބެ މަރާލީ ގޭގައި ހިނގި މައްސަލައެއްގެ ސަބަބުންނެވެ. އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑު އޮންނަ ދެ މީހުން ކަމަށް ވެ އެވެ.
ދެ މީހުންގެ މެދުގައި ޒުވާބު ހޫނުވެ، ޝުއައިބަށް މަވާޒު ހަމަލާދީފައި ވަނީ ކަތުރަކުން އޭނާގެ ކަރަށެވެ. އެ ހާދިސާ ހިނގާފައި ވަނީ އެމީހުންގެ ގެ ކައިރީގައި ކަމަށް ވެ އެވެ.
އެކަމަކު އެ ހަމަލާއާ ގުޅިގެން ޝުއައިބަށް ފަރުވާ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެންދިޔަ ނަމަވެސް އެތަނުގައި ފަރުވާދެނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި ޝުއައިބުގެ ކަރުގެ މައި ނާރުތައް ހުރީ ބުރިވެފަ އެވެ.