02 ޖޫން 2023 - 19:04

ޖަލުތަކާއި ގައިދީންތައް ބަލަހައްޓާ އިދާރާ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ މުވައްޒަފުންގެ ފޮޓޯ އާއި ވަނަވަރު ސޯޝަލް މީޑިއާގައި އާންމުކުރާތީ އެ އިދާރާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްސީއެސް އިން ނެރުނު ބަޔާނެއްގައި ބުނީ، މި ފަހަކަށް އައިސް އެ އިދާރާގެ އޮފިސަރުންނާއި މުވައްޒަފުންގެ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް، ސައްހަ ނޫން ތުހުމަތާ އެކު، ބަދުނާމުކުރާ ފަދަ އިބާރާތްތައް ބޭނުންކޮށް، ބިރުދައްކައި އިންޒާރު ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގެ ސަބަބުން އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރާ މަސައްކަތާ މެދު އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.
"މީގެ ސަބަބުން އޮފިސަރުންނާއި މުވައްޒަފުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ،" ކަރެކްޝަންސް އިން ބުންޏެވެ.
އެހެންވެ، އެ އިދާރާ އިން ވަނީ އެކަން ކުށްވެރިކޮށް، އެފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
އަދި އެފަދަ ކަންކަން ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަން ކުރަން ފަސް ނުޖެހޭނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.