04 ޖޫން 2023 - 14:01

އައިއެސްއޭ ވޯލްޑް ސާފިން ގޭމްސްގެ ރެޕޭޗާޖް އިވެންޓުގެ ދެވަނަ ބުރަށް އިސްމާއިލް ރަޝީދު (ސްމައިލީ) ވެސް ދަތުރު ކޮށްފި އެވެ.
ސްމައިލީ ދެވަނަ ބުރަށް ދަތުރު ކުރީ ރޭ އޮތް، މި އިވެންޓުގެ 22 ވަނަ ހީޓުގައި ވާދަކޮށް ދެވަނަ ހޯދައިގެންނެވެ.
ހީޓްގެ އެއްވަނަ ހޯދީ ޖުމްލަ 13.16 ޕޮއިންޓް ހޯދި ޕުއެރްޓޯ ރީކޯގެ ޑްވައިޓް ޕަސްޓްރާނާ އެވެ. ހީޓް ނިމެނިކޮށް ވެސް ފަހަތުގައި އޮތް ސްމައިލީ ދެވަނައަށް އެރީ ފަހުން އެޅި ރާޅުގައި 4.17 ޕޮއިންޓް ސްކޯ ކޮށް، ޖުމްލަ 5.94 ޕޮއިންޓު ހަމަކޮށްގެންނެވެ. ހީޓުގައި ދެން ވާދަކުރި ގްރީސްގެ ގެރާސިމޯސް ވެނޭރިސް އަށް ލިބުނީ 2.50 ޕޮއިންޓެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ތިން ރާޅާއެޅުންތެރިން ވެސް ރެޕޭޗާޖް ދެވަނަ ބުރުގައި ވާދަ ކުރާނެ އެވެ.
ސްމައިލީ ވާދަކުރާނީ ހީޓް 21 ގައި، ކޮސްޓަރިކާގެ މަލަކާނީ މާޓިނޭޒް އާއި ނެދަލެންޑްސްގެ ބޭރިކް ޑިވްރީސް އަދި ނޯވޭގެ ޒުކާސް ލޮއިނިންއާ އެވެ.
ރެޕޭޗާޖް އިވެންޓުގެ ފުރަތަމަ ބުރުގެ ހީޓުން އެއްވަނަ ހޯދި ހޫދު، ދެވަނަ ބުރުގައި ވާދަކުރާނި 19 ވަނަ ހީޓުގަ އެވެ. ހޫދު އާއެކު މި ހީޓުގައި ވާދަކުރާނީ ކޮސްޓަރިކާގެ ތޯމަސް ކިންގް އާއި އަޔަލެންޑުގެ ލޯކަން ސައުތުކޮމްބޭ އަދި ބްރެޒިލްގެ ޖާއޯ ޗިއަންކާ އެވެ.
މެއިން އިވެންޓުގެ ދެވަނަ ބުރުގެ ހީޓުން ބަލިވެގެން ރެޕޭޗާޖް އިވެންޓުގެ ދެވަނަ ބުރުގައި ވާދަކުރަން ޖެހުނު އަހުމަދު އާގިލް (އަންމަޑޭ) ވާދަ ކުރާނީ ފަސްވަނަ ހީޓުގަ އެވެ. އޭނާ ވާދަކުރާނީ ފްރާންސްގެ ޔޮއާން ޑުރޫ އާއި ނެދަލެންޑްސްގެ ކެސްޕާ ހަމިންގާ އަދި ޕުއެރްޓޯ ރީކޯގެ ރިކާޑޯ ޑެލްގާޑޯއާ އެވެ.