04 ޖޫން 2023 - 16:55

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ބައެއް ހެކިތައް ބަލައިނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ބައެއް ހެކިތައް ބަލައިނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހަތް ހުށަހެޅުމެއް ހުށަހެޅުއްވި އެވެ.
އޭގެ ތެރޭގައި އެ މައްސަލާގައި ދައުލަތުގެ ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށާއި ދައުލަތުން ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތައް ބަލައިނުގަތުމަށާއި ރިޔާސީ ކޮމިޝަން ފިޔަވައި އެހެން އިދާރާތަކުން ހޯދި ހެކިތައް ބަލައިނުގަތުމަށް ހުށަހެޅުއްވި ހުށަހެޅުންތައް ވެސް ހިމެނެ އެވެ.
ޔާމީންގެ އިތުރުން އެ މައްސަލާގައި ދައުވާލިބޭ އަހުމަދު ކްރިކް ރިޒާގެ ފަރާތުން ވެސް ފަސް ހުށަހެޅުމެއް ހުށަހެޅި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ ހުށަހެޅުންތަކަކީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ވެސް ހުށަހެޅި ހުށަހެޅުންތަކެއް ކަމަށެވެ. އަދި އެ ހުށަހެޅުންތަކަކީ ޝަރީއަތް މަޑުޖައްސާލަންޖެހޭ ފަދަ ހުށަހެޅުންތަކެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެން ނަމަވެސް ގާޒީ ނަދީމް ވިދާޅުވީ އެ ހުށަހެޅުންތައް ބަލައިނުގަތުމަށް މި މަރުހަލާގައި ނިންމިޔަސް، ހެއްކާ ބެހޭގޮތުން ވާހަކަ ދައްކާ މަރުހަލާގައި އެކަންކަން ފާހަގަ ކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މައްސަލާގެ ހުކުމް ކުރާއިރު އެކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ.
ޔާމީން މިހާރު ވެސް ގެންދަވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލާގެ އިސްތިއުނާފް ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހައި ކޯޓުން އޮތީ ހަމަޖައްސައިފަ އެވެ.