އާބަންކޯ އާއި ޓީ-ހަބްގެ ފަރާތުން ޓެކްނޮލޮޖީ ޓްރާންސްފާ ކުރުމަށް އެއްބަސްވެއްޖެ
އާބަންކޯ އާއި ޓީ-ހަބްގެ ފަރާތުން ޓެކްނޮލޮޖީ ޓްރާންސްފާ ކުރުމަށް އެއްބަސްވެއްޖެ

އާބަންކޯ އާއި ޓީ ހަބް ފައުންޑޭޝަނާ ދެމެދު ޓެކްނޮލޮޖީ އާއި އިނޮވޭޝަން ބްރިޖެއް ގާއިމުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އާބަންކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ސޮއިކުރެއްވިއިރު ޓީ-ހަބް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޑެލިވަރީ އޮފިސަރު އާނިޝް އެންތަނީ އެވެ.

އާބަންކޯ އިން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން ޓީ-ހަބް ފައުންޑޭޝަނާ ދެމެދު ޓެކްނޮލޮޖީ ޓްރާންސްފާ ކުރާނެ ކަމަށެވެ. ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އީޖާދީ އީކޯސިސްޓަމެއް ބިނާކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.

ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ދަށުން މި އެއްބަސްވުމުގައި ސޮއިކުރިއިރު އާބަންކޯގެ ސްމާޓްކޮމް ބްރޭންޑުން އަންނަނީ އެ ކަމަށް ބޭނުންވާ ޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތައާރަފުކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.