27 ޖެނުއަރީ 2017 - 05:01

ބާސެލޯނާ (ޖެނުއަރީ 27) – ރެއާލް ސޮސިއެޑާޑް އަތުން 5-2 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކަށަވަރުކޮށްފި އެވެ.
ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ބާސެލޯނާ ކާމިޔާބުކޮށްފައިވާއިރު ދެ ލެގުން އެ ޓީމު ކުރި ހޯދީ 6-2 ގެ އެގްރިގޭޓުންނެވެ. މިއީ މުބާރާތް 28 ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާ ސެމީ ފައިނަލުން ޖެހިޖެހިގެން ޖާގަ ހޯދި ހަތް ވަނަ ފަހަރެވެ.
އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގައި ޑެނިސް ސުއަރޭޒް އަދި ލިއޮނަލް މެސީ ޕެނަލްޓީއަކުން ޖެހި ލަނޑާ އެކު އެ ޓީމު ރަނގަޅު ލީޑެއްގައި އޮއްވާ ސޮސިއެޑާޑުގެ ޖުއަންމީ 62 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ތަފާތު ކުޑަކުރި އެވެ. ޖެހިގެން އައި މިނެޓުގައި ލުއިސް ސުއަރޭޒް ގޯލް ޖަހައި އަނެއްކާ ވެސް ބާސެލޯނާ އަށް ތަފާތު ބޮޑުކޮށްދިނެވެ.
ސޮސިއެޑާޑުގެ ދެ ވަނަ ލަނޑު 73 ވަނަ މިނެޓުގައި ވިލިއަން ހޯސޭ ޖެހި އެވެ. އެކަމަކު މެޗުގެ 80 ވަނަ މިނެޓުގައި އާޑާ ޓުރާން އަދި 83 ވަނަ މިނެޓުގައި ޑެނިސް ސުއަރޭޒް ޖެހި ލަނޑުތަކާ އެކު ބާސެލޯނާ ފަސޭހަކަމާ އެކު ސެމީ ފައިނަލުން ޖާގަ ހޯދި އެވެ.
ބާސެލޯނާއާ އެކު ސެމީ ފައިނަލަށް ހޮވިފައިވަނީ ޑިޕޯޓިވޯ އަލަވެސް އާއި ރެއާލް މެޑްރިޑް ކަޓުވާލި ސެލްޓާ ވީގޯ އާއި އެތުލެޓިކޯ މެޑްރިޑެވެ. ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭ ޓީމުތައް އެނގޭނީ މިއަދު ގުރުނެގުމުންނެވެ.
މެންޗެސްޓާ ސިޓީ އާއި ސެވިއްޔާ އަދި ވިޔަރެއާލަށް ކުރިން ކުޅެފައިވާ އުމުރުން 23 އަހަރުގެ ޑެނިސް ސުއަރޭޒް އަންނަނީ ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
"އަހަރެން ބާސެލޯނާއާ ގުޅުނީ މި ޓީމުގެ މުހިއްމު ކުޅުންތެރިޔަކަށް ވުމުގެ ނިޔަތުގައި. ދުވަހަކަށް ވުރެ ދުވަހެއް އަހަންނަށް މުހިއްމުކަމުގެ އިހުސާސް ބޮޑުވަމުން އަންނަނީ،" އޭނާ ބުންޏެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ އެ ޓީމުގެ ތިން ފޯވާޑުން ކަމަށްވާ މެސީ އާއި ސުއަރޭޒުގެ އިތުރުން ނޭމާ އާއި މުހިއްމު އެހެން ކުޅުންތެރިންނަށް ފުރުސަތު ދިނެވެ.
"ތިން ފޯވާޑުންނާ އެކު ހުރިހާ ކަމެއް ފަސޭހަވެގެންދޭ. މެޗުގައި އެއްވެސް ވަރަކަށް ޓީމު ހާހެއް ނުވޭ. ބޭނުންވީ މެޗު ޑޮމިނޭޓްކޮށް އަހަރެމެންގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް ގެންދަން،" ޑެނިސް ބުންޏެވެ.