ސާފަށް ދާ ގައުމީ ސްކޮޑް އާ ކުޅުންތެރިންނާ އެކު އެކުލަވާލައިފި
ސާފަށް ދާ ގައުމީ ސްކޮޑް އާ ކުޅުންތެރިންނާ އެކު އެކުލަވާލައިފި

މި މަހު އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ދާ ރާއްޖޭގެ ގައުމީ ސްކޮޑުގެ 23 ކުޅުންތެރިން ފައިނަލްކޮށް، ޓްރޭނިން ކޭމްޕަށް ޖަޕާނަށް ދާން ތައްޔާރު ވެއްޖެ އެވެ.

މި މަހުގެ 21 އިން އަންނަ މަހުގެ 4 އަށް ބެންގަލޫރުގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ މާލޭގައި ކުރާ އެންމެ ފަހު ފަރިތަކުރުންތައް ރޭ ކުރިއަށް ގެންގޮސްފަ އެވެ. އަދި 10 ދުވަހުގެ މުއްދަތަކަށް ޓްރޭނިންކޭމްޕަށް މިއަދު ޖަޕާނަށް ފުރާގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ މަހު ގައުމީ ޓީމުން ފަރިތަކުރުން ފެށީ 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. ސްކޮޑުން ފުރުސަތު ގެއްލުނު ހަތް ކުޅުންތެރިންނަކީ، ޔޫވީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ)، ޝަނާން ރަޝާދު، ޓީސީ ސްޕޯޓްސްގެ އަހުމަދު މާއިޝް ރަޝީދު (މާއި)، ސަސްގެ މުހައްމަދު ޝަހާއު (ބޭލް) އަދި ބުރު ސްޕޯޓްސްގެ މުހައްމަދު ނާއިމް އާއި ގޯލްކީޕަރު ޝައިހާން އަލީ އެވެ.

◂ މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު (ކުރޯ)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން (ބިޑި)، ހަސަން ރާއިފް (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، ހަސަން ޝިފާޒް (ޑުންގާ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)، ނާއިޒް ހަސަން (ދާދު)، މުހައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް

◂ އީގަލްސް: މުހައްމަދު ޝަފީއު (ޗެކް)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، ނިޝާމް މުހައްމަދު ރަަޝީދު (ޕޮގްބާ)، ހުމެއިދު ހުސެއިން

◂ ސަސް: އަހުމަދު އައިހަމް (ފަތޯ)، މުހައްމަދު ނިޒާމް (ޕީކޭ)، އަހުނަފް ރަޝީދު (އަހުއްކޮ)

◂ ބުރު ސްޕޯޓްސް: އިބްރާހިމް އުސާމާ ހަސަން މަޖީދު

◂ ވެލެންސިއާ: އިބްރާހިމް ވަހީދު ހަސަން (އިއްބެ)

މިއަހަރުގެ ސްކޮޑްގައި ހިމެނިގެން އަލަށް ގައުމީ ޓީމާ އެކު މުބާރާތަކަށް ދާ ކުޅުންތެރިންނަކީ، ސަސްގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) އާއި ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ)ގެ އިތުރުން ބުރު ސްޕޯޓްސް ކްލަބްގެ ފުލްބެކް އިބްރާހިމް އުސާމާ ހަސަން މަޖީދުގެ އިތުރުން އީގަލްސްގެ ޑިފެންޑަރު ހުމެއިދު ހުސެއިން އާއި މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެން ފެށި ނަމަވެސް ބ. އޭދަފުއްޓަށް ނިސްބަތްވާ ނިޝާމް ފާހަގަވާން ފެށީ 2018 ވަނަ އަހަރުން ފެށިގެން ޓީސީ ސްޕޯޓްސް ކްލަބުގައި ދެއްކި ކުޅުމުންނެވެ. ޖޫނިއާ ގައުމީ ޓީމުތަކުގައި ހިމެނިގެން ކެޕްޓަންކަން ވެސް ކޮށްފައިވާ ނިޝާމް އީގަލްސް އަށް ބަދަލުވީ މި ސީޒަނުގަ އެވެ.

ޑިފެންޑަރު ހުމެއިދު ވަނީ މިދިޔަ ސީޒަންގެ ޔޫތު ޗެމްޕިއަންޝިޕް އީގަލްސް އަށް ކާމިޔާބު ކޮށްދީ، މިދިޔަ ސީޒަނުން ފެށިގެން އީގަލްސްގެ ސީނިއާ ޓީމަށް ކުޅެން ފަށަައިފަ އެވެ. އަދި މިދިޔަ އަހަރު 20 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ވެސް އޭނާ އަދާކުރި އެވެ.

މިދިޔަ އަހަރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ފެނުނު އދ. މަހިބަދޫ އަށް އުފަން އުސާމާ މި ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު ހއ. އުތީމަށް އުފަން އައިހަމް އަކީ ލީގުގައި ގޯލާ ރައްޓެހި އުންމީދީ މިޑްފީލްޑަރެކެވެ. މީގެ ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާގެ އިތުރުން ށ. މިލަންދޫ އާއި ދަ ގްރާންޑޭ ސްޕޯޓްސް އަށް ވެސް ކުޅުނު ޑިފެންޑަރު ނިޒާމް އަންނަނީ މި ސީޒަނުގައި ސަސްގެ ކެޕްޓަނެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސަސްގެ އަހުއްކޮ މިދިޔަ އަހަރު ބުރުނާއީ އާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ކުޅެފައި ވާއިރު، މާޒިޔާގެ ޝިފާޒް ވަނީ މިދިޔަ އަހަރު އޮތް އޭޝިއަން ކަޕް ކޮލިފައިންގައި ސްރީލަންކާއާ ދެކޮޅަށް ކުޅެފަ އެވެ.

އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމު ބެންގަލޫރަށް ދާނީ ޖަޕާނު މަގުންނެވެ. މުބާރާތުގައި ރާއްޖެ ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާން އަދި ލެބަނަން އާއެކު ގުރޫޕް ބީގަ އެވެ.