05 ޖޫން 2023 - 15:00

މި މަހުގެ 21 އިން އަންނަ މަހުގެ ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން، 23 ކުޅުންތެރިން ހިމެނޭ ރާއްޖޭގެ ގައުމީ ޓީމް ސްކޮޑް އިތުރު ތަމްރީނުތަކަށް ޖަޕާނަށް ފުރައިފި އެވެ.

ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) މިއަދު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ، ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަންގެ މައި ޓްރޭނިން ސެންޓަރުގައި ބާއްވާ ތަމްރީނުތަކާ އެކު ޓީމުގެ އަޒުމަކީ ދިވެހި ސަޕޯޓަރުން އުފާވާ ވަރުގެ ނަތީޖާއަކަށް މަސައްކަތް ކުރުން ކަމަށެވެ.
"ޖޭއެފްއޭގެ އެހީތެރިކަމާ އެކު ހުރިހާ ކަމެއް ހަމަޖެހިފައި ވަނީ. އަޅުގަނޑުމެން އެންމެ ޓްރެއިނިން މެޗެއް އެ ކޮޅުގައި ކުޅޭނީ. ދެން ދާނީ ޓްރެއިނިންގެ ކަންތައްތައް އެކޮޅުގައި. 15 ވަނަ ދުވަހު ފުރާނީ ކޮލަމްބޯ މަގުން ބެންގަލޫރަށް ދިޔުމަށް،" ޝިބާ ބުންޏެވެ.
""ދިވެހި ސަޕޯޓަރުން ހެއްވާލެވޭނެ ވަރުގެ މަސައްކަތެއް ކުރުން އަޒުމަކީ. ގައުމީ ޓީމު މި އޮތީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަހަތުގައި. ގައުމީ ޓީމު މިދަނީ ގައުމަށް ރީތި ނަން ހޯދައިދޭން."
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އެފްއޭއެމުން ވަނީ އެންމެ ފުރަތަމަ 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލައިފަ އެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށީ 10 ކުޅުންތެރިން މަދުކޮށް 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. އެ ކުޅުންތެރިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އދ. މަހިބަދޫ ފުޓްބޯޅަ ދަނޑުގެ ނަން "ޕެލޭ ސްޓޭޑިއަމް" އަށް ރީބްރޭންޑް ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ 23 ކުޅުންތެރިން ފައިނަލްކުރީ ރޭ، މާލޭގައި ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކަށް ފަހު އެވެ.
މުބާރާތުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ޝިބާ ބުނީ އެއްވެސް ކަމަކީ އެންމެ ފުރިހަމައަށް ހަމަޖެހިފައި ހުންނާނެ ކަންކަމެއް ނޫން ކަމަށާއި އުނދަގޫތަކެއް ހުއްޓަސް މަސައްކަތް ކޮށްގެން ކާމިޔާބު ހޯދަން މަސައްކަތް ކުރާކަމަށެވެ. ޒުވާން ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދިނުމުގެ މަގްސަދަކީ ކުރިއަށް ކުރި މުބާރާތްތަކާއި ކޮލިފައިން މެޗުތަކަށް ކުޅުންތެރިން ތައްޔާރު ކުރުން ކަމަށް ވެސް ޝިބާ ބުންޏެވެ.
"ކުރިއަށް އެބައޮތް ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއާގެ މުބާރާތެއް ވެސް. އެ އަށް ތައްޔާރު ވާން ވެގެން ކޯޗު ބޭނުންވޭ މީގައި 23 އަހަރުން ދަށުގެ ކުޅުންތެރިން ވެސް ހިމަނަން،" ގައުމީ ޓީމުގެ ސްކޮޑާ ގުޅޭގޮތުން ޝިބާ ބުންޏެވެ.
"އެހެންވެ އޯލްޑް އާއި ޔަންގް ކުޅުންތެރިން މިކްސް ކޮށްގެން ކޯޗު މި މުބާރާތް އެ ބަލަނީ. ކޮންމެ ގޮތެއް ވިއަސް މިހާރު މި ކުރާ މަސައްކަތުގެ ފައިދާ ކުރާނެ ކުރިއަށް ހުރި މުބާރާތްތަކުގައި ވެސް."
އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމު ހިމެނެނީ، ބަންގްލަދޭޝް އާއި ބޫޓާން އަދި ލެބަނަންއާ އެކު ގުރޫޕް ބީގަ އެވެ.
މި އަހަރު ބާއްވަނީ ސާފް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތެވެ. ފުރަތަމަ ދެ މުބާރާތް ފިޔަވައި ކޮންމެ މުބާރާތެއްގައި ވެސް ރާއްޖޭން ވާދަ ކުރަމުން އަންނައިރު، ފަސް ފަހަރު ފައިނަލްގައި ކުޅެ، ދެ ފަހަރު ވަނީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
އެންމެ ފުރަތަމަ 2008 ވަނަ އަހަރުގެ ފައިނަލް ކާމިޔާބު ކޮށް ފުރަތަމަ ފަހަރަށް ސަރަހައްދީ ޗެމްޕިއަންކަން ރާއްޖޭން ހޯދި އިރު، ދެވަނަ ފަހަރަށް ކާމިޔާބީ ތަކުރާރު ކުރީ އޭގެ 10 އަހަރު ފަހުން 2018 ވަނަ އަހަރެވެ. އެންމެ ފަހުން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުގެ ފައިނަލުން ރާއްޖެ އަށް ޖާގައެއް ނުލިބުނެވެ.