27 ޖެނުއަރީ 2017 - 12:14

ބަންޖުލް (ޖެނުއަރީ 27) - ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ކުރީގެ ރައީސް ޔަހުޔާ ޖަމޭ މަގާމު ދޫކުރައްވަން ދެކޮޅު ހެއްދެވުމުން އަވަށްޓެރި ސެނެގާލްގައި ރައީސްކަމުގެ ހުވާ ކުރެއްވި ގެމްބިއާގެ އާ ރައީސް އަދަމާ ބަރޯ ރޭ ގައުމަށް ވަޑައިގެންފި އެވެ.

ކުރީގެ ރައީސް ޔަހުޔާ މިހާރު ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފަ އެވެ. އޭނާ އެންމެ ފަހު ވަގުތު މަގާމު ދޫކޮށްލައްވާ ވަޑައިގެންނެވީ ހުޅަނގު އެފްރިކާގެ ގައުމުތައް ހިމެނޭ ލަޝްކަރަކުން އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ.

ބަރޯ އަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު އެއާޕޯޓަށް ޖަމާވެފައި ތިއްބެވެ. މަތިންދާ ބޯޓުން ބަރޯ ފައިބައިވަޑައިގެންވި އިރު ނައިޖީރިއާ އާއި ސެނެގާލްގެ ސިފައިން ހިމެނޭ ލަޝްކަރަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ބަރޯ ދަތުރު ކުރެއްވި މޮޓޯކޭޓަށް ރައްކާތެރިކަން ދިނުމަށް ހުޅަނގު އެފްރިކާގެ ލަޝްކަރުގެ ވައިގެ ސިފައިންގެ ޖެޓްތައް ދިޔައީ ދުއްވަމުންނެވެ.

"ގޯސްކޮށް ދިޔަ ހުރިހާ ކަމެއް މިހާރު ނިމިއްޖެ. އަޅުގަނޑު މިހުރީ ވަރަށް އުފާވެފައި،" އެއާޕޯޓުގައި އޭޕީގެ ރިޕޯޓަރަކާ ވާހަކަ ދައްކަވަމުން ބަރޯ ވިދާޅުވި އެވެ.

އެއާޕޯޓުން ވަޑައިގެން ބަރޯ މިހާރު ހުންނެވީ އަމިއްލަ ގޭގަ އެވެ. އެ ގޭގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ރިޔާސީ ގަނޑުވަރަށް ވަޑައިގަންނަވާނީ އެ ތަނުގެ ސަލާމަތީ ހާލަތު ވަޒަން ކުރުމަށް ފަހު ކަމަށް އޮފިޝަލުން ބުނެ އެވެ. ސަބަބަކީ ސިފައިންގެ ތެރޭގައި ތިބި ކުރީގެ ރައީސް އަށް ވަފާތެރި މީހުން ގޯހެއް ހަދައިފާނެތީ އެވެ. ހުޅަނގު އެފްރިކާގެ ލަޝްކަރު ގެމްބިއާގައި ހަ މަސް ދުވަހު ތިބުމަށް ރައީސް ބަރޯ ވަނީ އެދިވަޑައިގެންފަ އެވެ.
ކުރީގެ ރައީސް ޔަހުޔާ 1994 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ އަސްކަރީ ބަޣާވާތެއްގަ އެވެ. އޭރު އޭނާ އަކީ 29 އަހަރުގެ ލެފްޓިނެންޓެކެވެ. ރައީސް ޔަހުޔާ ވަޑައިގެންނެވި އިރު ގައުމުގެ ޚަޒާނާ އިން 11 މިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.