ވަކީލުންނާ ޔާމީން ކޮށްލީ ސަމާސާއެއް، ދިމައެއް ނުކުރޭ: ޖަމީލް
ވަކީލުންނާ ޔާމީން ކޮށްލީ ސަމާސާއެއް، ދިމައެއް ނުކުރޭ: ޖަމީލް

ހައި ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް މެދުކަނޑާލި ވަގުތު، ދައުލަތުގެ ވަކީލުންްގެ ވާހަކަތައް "ސެންސް މޭކެއް ނުކުރޭ" ކަމަށް ވިދާޅުވެ އެމަނިކުފާނު ދިމާކޮށްލެއްވި ކަމަށް ބުނާ ވާހަކަ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ދޮގު ކުރައްވައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައި ޔާމީން މިއަދު ދައުލަތުގެ ވަކީލުންނާ ދިމާލަށް ބަހުގެ ހަމަލާތަކެއް ދެއްވި ކަމަށް ރިޕޯޓުކުރީ ޕީޖީ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ވަކީލުންނާ ދިމާލަށް "ދައްކާ ވާހަކަ ސެންސް މޭކެއް ނުކުރޭ" ކަމަށް ޔާމީން ވިދާޅުވެ ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރުމުން، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެއްޖެ ކަމަށް ޔާމީނަށް އެންމެ ބޮޑެތި ތުހުމަތުތައް ކުރައްވައި ފާޑުވިދާޅުވުމަށް ފަހު، މި މައްސަލާގައި އެމަނިކުފާނުގެ ދިފާއުގައި ވަކާލާތު ކުރައްވާ ޖަމީލް ވިދާޅުވީ ކޯޓުގައި މިއަދު ހިނގި ކަންކަމަކީ "ޔާމީން ކުރެއްވި ސަމާސާއެއް" ކަމަށެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ދައުލަތުގެ ވަކީލުންނާ ޔާމީން ދިމައެއް ނުކުރައްވަ އެވެ. ހަމައެކަނި ސަމާސާއަކަށް ސުވާލެއް ކޮށްލެއްވީ ކަމަަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގޯސްތައް ދައްކަވާ ޖަމީލް މިއަދު ވަނީ ނަޝީދު ވެސް އެ ޓުވީޓުގައި ދިފާއުކުރައްވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭވުމެއްގެ ދަށުން ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަނިޔާކުރާކަން ސިއްރެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ އާރަށް ލިބުނު ޓޫޖީ ކުންފުނީގެ އެއް ހިއްސާދާރު ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ދެ ފަރާތުން ވާހަކަ ދެއްކުން އެކަންޏެވެ. މިއަދު ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުންތައް ހުށަހެޅުމުގެ ކުރިން ވަގުތު ހަމަވެގެން ޝަރީއަތް މިއަދަށް ނިންމާލީ އެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަަލައިގަނެފައިވަނީ މިދިޔަ އޭޕްރިލް މަހު އެވެ.