ޑޭމް ގޮއްވައިލުމުން ބިން މައިންގެ ނުރައްކާ ބޮޑުވެއްޖެ
ޑޭމް ގޮއްވައިލުމުން ބިން މައިންގެ ނުރައްކާ ބޮޑުވެއްޖެ

ޔޫކްރޭންގެ އިރުމަތީގައި އޮންނަ ބިޔަ ޑޭމް ނޯވާ ކަޚޯވްކާ ގޮއްވައިލުމާ ގުޅިގެން މުޅި ސަރަހައްދަށް ފެންގަނޑު ފެތުރެމުން ދާތީ، އެ ސަރަހައްދުގައި ވަޅުލާފައި ހުރި ބިން މައިންތަކުގެ ނުރައްކާތެރިކަން ވަރަށް ބޮޑުވެއްޖެ ކަމަށް ރެޑް ކްރޮސް އިން އިންޒާރުކޮށްފި އެވެ.

މިދިޔަ އަންގާރަ ވިލޭރޭ ދަންވަރު މި ޑޭމް ގޮއްވައިލި ބައެއް މުޅިން ކަށަވަރު ނުވާއިރު، ޔޫކްރޭނާއި ރަޝިޔާ އިން ދަނީ އެއް ގައުމުން އަނެއް ގައުމުގައި އެ ތުހުމަތު އަޅުވަމުންނެވެ.

ރަޝިޔާ އާއި ޔޫކްރޭންގެ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޑެނިޕް ކޯރުގައި ހަދާފައިވާ މި ޑޭމް ހަލާކުވުމާ ގުޅިގެން، އެ ކޯރު ފުރި ފެންތައް ބަންޑުންވުމުން، ޔޫކްރޭންގެ ޚެރްސޯން ސަހަރުގެ ބޮޑުބައެއް މިހާރު އޮތީ ފެނު އަޑީގަ އެވެ. އަދި ޚެރްސޯންގައި ދިރިއުޅޭ އާންމުންގެ ތެރެއިން އެތައް ހާސް ބަޔަކު މިހާރު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފަ އެވެ.

ޚެރްސޯންއަކީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރި ސަރަހައްދެވެ. ޚެރްސޯން ހިފުމަށް ރަޝިޔާ ސިފައިން ކުރި މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން، އެ ސަހަރުގެ ހުސް ބިންތަކުގައި ބޮޑު ބައެއްގައި ޔޫކްރޭން ސިފައިން ވަނީ ބިން މައިން ވަޅުލައިފަ އެވެ.

އަދި ޚެރްސޯން ހިފުމަށް ފަހު، އެ ސަހަރަށް ޔޫކްރޭން ސިފައިން އެރިޔަ ނުދިނުމަށް ރަޝިޔާ ސިފައިން ވެސް ވަނީ އެ ސަހަރުގެ ބައެއް ސަރަހައްދުތަކުގައި ބިން މައިން ވަޅުލައިފަ އެވެ. ޚެރްސޯންގައި މިހާރު ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި، ދެ ފަރާތުގެ ސިފައިން މައިން ވަޅުލާފައިވާ ސަރަހައްދުތައް ވެސް ހިމެނެ އެވެ.

ރެޑް ކްރޮސްގެ އިސް ވެރިއެއް ކަމަށްވާ އެރިކް ޓޮލެފްސެން ވިދާޅުވި ގޮތުގައި ޚެރްސޯންގައި ފެންބޮޑުވުމާ ގުޅިގެން، އެ ސަހަރުގައި ވަޅުލާފައި ހުރި ބިން މައިންތައް ފަސްގަނޑު ދަށުން ދޫވެގެން ފެނުން މައްޗަށް އަރައި އޮޔާ ދަތުރުކުރަމުން ދާތީ، އެ ސަރަހައްދުގެ ނުރައްކާތެރިކަން މިހާރު ވަރަށް ބޮޑެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ އިތުރުން، އެ ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުވުމުގެ މަސައްކަތް ކުރާ ޓީމުތަކަށް ވެސް އެ މައިންތަކުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އެ ސަރަހައްދު ފެންނަން އޮތް ގޮތުން، ނުރައްކާތެރިކަން އޮތީ ކޮންކޮން ތަންތަނެއްގައި ކަން އެ ސަރަހައްދުތަކުން ދަތުރުކުރާ އިރު ވަރަށް ފަސޭހައިން އެނގޭ. އެކަމަކު މުޅި އެ ސަރަހައްދުގައި ފެންބޮޑުވެފައި އޮތުމުން، ނުރައްކާތެރި ތަންތަނަކީ ކޮބައިކަން މިހާރު ދެނެގަންނާކަށް ނޭނގޭ. އެނގޭހާ ވެސް ކަމަކީ، ފެން ބޮޑުވެފައިވާ ސަރަހައްދުގައި މައިންތަކެއް ވަޅުލާފައި ވެއްޖެ ކަން."

ޔޫކްރޭންގެ ދެކުނު ލަޝްކަރުގެ ތަރުޖަމާނު ނަތާލިޔާ ހުމެނިއުކް ވިދާޅުވި ގޮތުގައި ޚެރްސޯން ސަހަރުން ރަޝިޔާ ސިފައިން ހިފާފައިވާ ސަރަހައްދުގައި ވަޅުލާފައި ހުރި ބިން މައިންތަކުގެ ތެރެއިން ވަރަށް ގިނަ މައިންތައް މިހާރު ހުރީ ފެންމައްޗަށް އަރައިފަ އެވެ. އަދި އެ ތަކެތި އޮޔާއެކު ދަތުރުކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެތަކެތި އޮޔާއެކު ދެމެމުން ދާއިރު، ފެންގަނޑުގެ ތެރެއިން އަންނަ އެހެން އެއްޗެއްގައި ނުވަތަ އިމާރާތެއް ނުވަތަ ގަހެއް ފަދަ ހަރު އެއްޗެއްގައި ޖެހުމުން ގޮވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތެވެ. އަދި އެހީގެ ސާމާނު ހިފައިގެން ފެންގަނޑުގެ ތެރެއިން ދަތުރުކުރާ އުޅަނދެއްގައި ޖެހުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ނޯވާ ކަޚޯވްކާ ޑޭމް ހަލާކުވެ ޑެނިޕްކޯރުގެ ފެންގަނޑު ބަންޑުން ދިއުމާ ގުޅިގެން، އެ ކޯރުގެ ކައިރީގައި އޮންނަ 30 އަވަށެއްގައި މިހާރު ވަނީ ފެންބޮޑުވެފަ އެވެ. އެ އަވަށްތަކުން 2000 އަށް ވުރެ ގިނަ ގެޔެއް މިހާރު ހުރީ ފެނު އަޑީގަ އެވެ. އެ އަވަށްތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ކުރިމަތިވި ތަފާތު ހާދިސާތަކުގައި އެ ސަރަހައްދުތަކުން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ.

ޔޫކްރޭނަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ބިނާކޮށްފައި ހުރި މި ބިޔަ ޑޭމް ހުންނަ ސަރަހައްދު މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގަ އެވެ. ރަޝިޔާ ސިފައިން އެ ސަރަހައްދު ހިފާފައިވަނީ، ފެބްރުއަރީ 24، 2022 އިން ފެށިގެން ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމައިގަ އެވެ.

އެ ޑޭމް ހަދާފައި ހުރީ ޑެނިޕްރޯ ކޯރުގެ ފެންގަނޑު ކޮންޓްރޯލްކޮށްގެން އުފެދޭ އޮއިވަރުގެ ބާރުގައި ކަރަންޓު އުފެއްދުމަށް ކަމަށްވާތީ، ޑޭމް ގޮއްވައިލުމާ ގުޅިގެން މުޅި ސަރަހައްދަށް މިހާރު ވަނީ ކޯރުގެ ފެންގަނޑު ފެތުރެން ފަށައިފަ އެވެ. ޑޭމްގެ ވަށައިގެންވާ ބައެއް ސަރަހައްދުތަކުގައި މިހާރު ހުރީ މީހުންގެ އިސްކޮޅަށް ވުރެ މައްޗަށް ފެންގަނޑު ބޮޑުވެފަ އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި އެ ޑޭމް ގޮއްވައިލީ ރަޝިޔާގެ ޓެރަރިސްޓުންނެވެ. އެފަދަ އަމަލުތައް ކިތަންމެ ވަރަކަށް ހިންގިޔަސް، ޔޫކްރޭންގެ ބިންތައް ފޭރިގަނެގެން ތިބި ރަޝިޔާގެ ހުރިހާ ސިފައިންވެސް އެއްވެސް އިސްތިސްނާއެއް ނެތި އެ ބިންތަކުން ބޭރުކުރާނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

"ފެނުން ވިޔަސް ނުވަތަ މިސައިލާއި އެހެން އެއްޗަކުން ވިޔަސް ޔޫކްރޭން ހުއްޓުވުމަކީ ޓެރަރިސްޓުންނަށް ކުރެވޭނެ ކަމެއް ނޫން. ޔޫކްރޭން ބިމުން އެންމެ މީޓަރެއް ވެސް ރަޝިޔާއަކަށް ނުލިބޭނެ،" ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވި ގޮތުގައި ޑޭމް ގޮއްވައިލުމަކީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ މިސްރާބު ބަދަލުކޮށްލައި، ޔޫކްރޭންގެ ސިފައިން އަލުން އެއްތަން ކުރުމަށް ވަގުތުގެ ބޭނުންހިފުމަށް ޔޫކްރޭނުން ޖެހި މަޅިއެކެވެ.

ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި އެއީ ޔޫކްރޭނުން ގަސްދުގައި ކުރި ކަމެކެވެ. އަދި މިއީ މިދިޔަ ހަފުތާގައި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން ދޭން އުޅުނު ހަމަލާތައް ނާކާމިޔާބުކޮށްލުމުން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔޫކްރޭނުން ހިންގި ފިނޑި އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.