އަމީނީމަގުން ނެގި ގަސްތަކުގެ ބަދަލުގައި އަލަށް 45 ގަސް އިންދައިފި
އަމީނީމަގުން ނެގި ގަސްތަކުގެ ބަދަލުގައި އަލަށް 45 ގަސް އިންދައިފި

އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް، އެ މަގުގައި ހުރި ބިޔަ ގަސްތައް ކަނޑާލިޔަސް މަގަށް ގެއްލުން ކުޑަ ބާވަތްތަކުގެ 45 ގަސް މިހާތަނަށް އިންދާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

ތާރު އެޅުމުގެ މަސައްކަތަށް އަމީނީމަގުގައި ހުރި ދުވަސްވީ ގަސްތައް ކަނޑާލުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އޭރު ސަރުކާރުން ބުނެފައި ވަނީ ގަސްތައް ނަގަނީ އެ ނުނަގައި އެ މަސައްކަތް ކުރެވެން ނެތިގެން ކަމަށާއި އެ މަގުން ނަގާ ގަސްތައް އެހެން ތަނެއްގައި އިންދާނެ ކަމަށެވެ.

އެ މަގުގެ ބޮޑު ބައެއްގައި މިހާރު ތާރު އަޅައި އާންމުންނަށް ހުޅުވާލާފައިވާއިރު މޫކޭ ވިދާޅުވީ އަމީނީމަގުން ނެގި ބޮޑެތި ގަސްތައް ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކޮށްފައިވާ ކުޑަގިރީގައި އިންދާފައިވާ ކަމަށެވެ. އަދި އަމީނީމަގުގައި މިހާތަނަށް 45 ގަސް އިންދާފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ މަގަށް ގެއްލުން ނުވާނެ ބާވަތްތަކުގެ ގަސްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޑިގުޑުންތައް ގިނަ، އަދި ބޯކޮށް ވާރޭވެހިއްޖެ ނަމަ، ފެންބޮޑުވެފައި އޮންނަ އަމީނީމަގު ހެދުމުގެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެ މަގުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ސެޕްޓްމެބަރުގެ ނިޔަލަށެވެ.

އަމީނީމަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅީ އެމްޓީސީސީންނެވެ. އެއީ ބްރިޖާ ހިސާބުން ސްޓެލްކޯ އިމާރާތާ ހަމައަށެވެ. މާޗު މަހު އެތަން ހުޅުވާލިއިރު މިފަހުން މަސައްކަތް ކުރިއަށް ގެންދިޔައީ އާރުޑީސީންނެވެ.

އެ ކުންފުނިން ވަނީ ސްޓެލްކޯއާ ހިސާބުން ފެށިގެން، ކޮއިމަލާ ހިނގުމާ ހަމައަށް ތާރު އަޅައި މިހާރު އެ ހިސާބު ހުޅުވާލައިފަ އެވެ.